ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫއުތައް ނިންމަން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި، އެގައުމާއެކު ހަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެބޭފުޅުން ދެއްވި، ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި މޯދީ ވަނީ، އެގައުމުން ރާއްޖޭގައި ފަށާފައިވާ މަޝްރޫއުތައް ވަގުތަށް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާއިން ލައިން އޮފް ކްރެޑިޓް ފެސިލިޓީ އިތުރުކޮށްދީފައިވާތީ ރައީސް ސޯލިހު ވަނީ އެކަމަށްޓަކައި އެގައުމުގެ ސަރުކާރާއި ބޮޑުވަޒީރު މޯދީއަށް ޝުކުރު ދަންނަވައިފައެވެ. ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަވަހަށް ނިންމުމަށް އެހީއަކަށްވެގެންދާނެ ކަމަށެވެ.
ޖޮއިންޓްޕްރެސްގައި ރައީސް ވިދާޅުވީ، މޯދީއާ އެކުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން މާލޭ ސަރަހައްދުގައި އަޅަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށާއި މާލޭ ސަރަހައްދުގައި 2،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިންޑިއާއިން ވަނީ ރާއްޖެއަށް 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ލައިނެއް މީގެ ކުރިން ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު