ޚަބަރު

ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފަށައިފި

އަލީ ޔާމިން

1

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވެވަޑައިގެންނެވި އިރު، މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ބުރިޖުގެ ފުރަތަމަ ފިޔަވަހީގެ ތަނބެއްގައި ވަނީ ކޮންކްރީޓް އަޅައިފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިންމު ސާވޭގެ ތެރޭގައި ހިމެނޭ "ޖިއޯޓެކްނިކަލް ސާވޭ" މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ. މި ބްރިޖުގެ ފައުންޑޭޝަން މަސައްކަތް މިއަހަރު މެދުތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް އިން ކުރިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.