ދ. ކުޑަހުވަދޫ އެއާޕޯޓަށް އަންނަ ދިވެހިން ފިޔަވައި އެހެން ބަޔަކަށް އެތަނުން ބޭރުނުވެވޭ ގޮތަށް މުޅި އެއާޕޯޓު ރައްޔިތުން ބަންދުކޮށްފިއެވެ.

މަންތާ އެއާއިން އޮޕަރޭޓްކުރަމުން އަންނަ ދ. ކުޑަހުވަދޫ އެއާޕޯޓް އިއްޔެ ހަވީރުއްސުރެ ބަންދުކޮށް ރައްޔިތުން މުޒާހަރާކުރަމުން ދަނީ، އެރަށު ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އެމަޖެންސީގައި މާލެ ފޮނުވާލަން ވެގެން އެކަމަށް ފްލައިޓެއް ހަމަޖައްސައި ދިނުމަށް އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެއެވެ. ނަމަވެސް މިއަދު ހެނދުނު 6:00ގައި މޯލްޑިވިއަންގެ ފްލައިޓެއްގައި އެ ޒުވާނާ ވަނީ މާލެ ގެނެސްފައެވެ.

ކުޑަހުވަދޫ ކައުންސިލް މެމްބަރު އަބްދުﷲ ޖަމީލް "ވަން" އަށް މިއަދު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ހުޅުވި އެރަށު އެއާޕޯޓުގައި ބަލި މީހުން ނުއުފުލޭ މައްސަލަ ހައްލުކޮށްދިނުމަށް އެދި ކުރީ ސަރުކާރުގައާއި މި ސަރުކާރުގައިވެސް އާދޭސްކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް ހައްލެއް ނުލިބޭ ކަމަށެވެ.

"ރައްޔިތުންވެސް ލައްކަ ކެތްކޮށްފި. އެކަމަށް ހައްލެއް ހޯދަން އާދޭސް ކުރާތާ ފަސް އަހަރުވެއްޖެ. މި އެއާޕޯޓަކީ މިއީ މަންތާއިން އޮޕަރޭޓުކުރާ ތަނެއް. އެކަމަކު އެމީހުންގެ ފުލައިޓުތަކަށް ބަލީ މީހުން ނާރުވާ. ބުނަނީ އެ ފުލައިޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަކަށް ނޫނޭ. އެހެން ކަމަށްވާނަމަ އެގޮތަށް ފަރުމާކޮށްފަ އޮންނަ ފުލައިޓެއް ގެނެވެންވާނެ ނޫންތޯ. މިއީ އެތަށް ބައެއްގެ ފުރާނަ އާ ގުޅިފަ އޮންނަ ކަމެއް. ފަރުވާ ދިނުން ލަސްވާ ނަމަ ފުރާނަ ގޮސްދާނެ ހާލަތްތައްވެސް އާދޭ،" އޭނާ ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، އެކަމާ ނުރުހުންވެ، އެއާޕޯޓަށް ވަންނަ ދޮރުމަތީގައި ރައްޔިތުން ބޮޑު ވަޅުގަނޑެއް ކޮނެފައިވާ ކަމަށެވެ. އަދި ކުޑަހުވަދޫ އެއާޕޯޓަށް އަންނަ މީހުންގެ ތެރެއިން އެތަނުން ނުކުމެވެނީ ދިވެހިންނަށާއި އެއާޕޯޓުގެ މުވައްޒަފުންނަށް އެކަނި ކަމަށާއި މަންތާއިން ޖަވާބުދާރީވެ، މައްސަލައަށް ހައްލެއް ހޯދައި ދިނުމުން ނޫނީ ދިވެހިން ނޫން ބަޔަކަށް އެއާޕޯޓުން ބޭރަށް ނުނިކުމެވޭ ގޮތަށް ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ ފަރާތުން ކުޑަހުވަދޫ އެއާޕޯޓުގައި ހުންނަ މަންތާގެ މެނޭޖަރަށް ފޯނުން ގުޅައި ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަންތާގެ އިސްވެރިންނާ ބައްދަލުކުރުމަށް ބޭނުންވާކަން ބުނެފައިވާނެ ކަމަށެވެ. އަދި އަމިއްލަ އެއާލައިނަކާ އެއާޕޯޓެއް އޮތް ނަމަވެސް އޭގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އިއްޔެ ހަވީރުއްސުރެ ރައްޔިތުން މިތިބީ ނުނިދާ ހޭލާ. މިހާތަނަށްވެސް މަންތާގެ އިސް އެއްވެސް އޮފިޝަލަކު ރައްޔިތުންނާ ބައްދަލެއް ނުކުރޭ." އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މަންތާ އެއާލައިންގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ބަލި މީހަކު އުފުލުމަށް އެދި އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށެވެ. އަދި އެކަން އެނގުނު ހިސާބުން ސީޕްލޭނެއްގައި ބަލި މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރި ކަމަށްވެސް ވިދާޅުވިއެވެ.