ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޕަސިންޖާ ޗެކިން އެންޑް ޑިޕާޗާ ކޮންޓްރޯލް ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެއެވެ.

ވީއައިއޭގެ ޗެކިން ސިސްޓަމެއް މައްސަލައެއް ދިމާވެފައިވަނީ އިއްޔެ މެންދުރުފަހުންނެވެ. އެކަމާ ގުޅިގެން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ފްލައިޓުތައް ވަނީ ޑިލޭވެފައެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއޭލް)ގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެއާޕޯޓުން ފުރަންދާ ޕަސިންޖަރުންގެ ޗެކިންގެ ކަންތައް މިވަގުތު ކުރަމުންދަނީ މެނުއަލްކޮށް ކަމަށެވެ.

"މިވަގުތު މެނުއަލްކޮށް ހުރިހާ ފްލައިޓަކަށްވެސް ޗެކިން ކުރަމުން މިދަނީ. މެނުއަލްކޮށް ޗެކިންކުރުމަކީ ޕްރޮސީޖާ ދިގު ކަމަކަށްވާތީ ކޮންމެވެސް ވަރަކަށް ފްލައިޓުތައް ޑިލޭވުމުގެ މައްސަލަވެސް އަޅުގަނގުމެންނަށް ފާހަގަވެފައި ވަނީ" އޮފިޝަލު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ މެނުއަލްކޮށް ޗެކިންކުރަން ފެށުމުން ފްލައިޓުތައް ޑިލޭވި ނަމަވެސް، އެއާޕޯޓުގެ މުޅި އޮޕަރޭޝަނަށް މާބޮޑު ބުރުލެއް ނާރާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ޗެކިން ކުރުުމުގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް ވިދާޅުވިއެވެ.