ވެރިކަންކޮށް، ފެއިލްވެފައި ތިބި ލީޑަރުން އަލުން ވެރިކަމަށް ފައި ނެގުން ހުއްޓާލަން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ރޭ ވަނީ ފާސްކޮށްފައެވެ. ޔާމީނަށް ޓިކެޓް ދޭން ފާސްކުރީ ރޭ ބޭއްވި ސެނެޓް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެކަމާ ގުޅިގެން ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަތަނީ ލީޑަރުން އެންމެ ފުރަތަމަ އިސްކުރައްވާނީ ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި ކުރިން ވެރިކަންކޮށްފައި ފެއިލްވެފައި ތިބި މީހުން އަލުން ވެރިކަމަށް ފައި ނެގުމުގެ ބަދަލުގައި ގައުމުގެ ހައްގުގައި އާ ބަޔަކަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"ތާއަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގަ ބަގުޑިބެއްދުން ހުއްޓަން ޖެހޭ،" ނާޒިމް ވިދާޅުވިއެވެ.
ޔާމީންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ އެބޭފުޅުންގެ މަރު ދުވަހާ ޖެހެންދެންވެސް ގައްދާރުން ކަމަށް ޔާމީން ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ. ޔާމީންގެ އެގޮތަށް ވިދާޅުވުމުން މިހާތަނަށް އެންމެ ގިނައިން ރައްދު ދެއްވާފައިވަނީ ނާޒިމްއެވެ.
ޔާމީނަށް ރައްދު ދެއްވައި ނާޒިމް އިއްޔެ ވިދާޅުވެފައިވަނީ، ޔާމީނަކީ އެންމެ ބޮޑު ގައްދާރު ކަމަށެވެ. ޔާމީނު ސަރުކާރު އޮތީ ނަޖިހުން ތައައްޔަރުވެ، ރިޝްވަތާއި ވައްކަމާއި މަކަރާއި ހީލަތާއި މުޅި އިދިކޮޅު ފަރާތްތައް ޖަލަށްލުމާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައި ކަމަށެވެ.
މީގެ އިތުރުން ވެސް ނާޒިމް ވިދާޅުވެފައިވަނީ، ވަތަނީ ލީޑަރަކީ އެމަނިކުފާނުކަމަށް ޔާމިން ވިދާޅުވާއިރު، އެ މަނިކުފާނަށް ވެރިކަން ހަވާލުކުރީމާ ސިޔާސީ ލީޑަރުން ޖަލަށްލައި، ގައުމުގެ ފައިސާ ގެއްލުވާލާފައިވާ ކަމަށެވެ. އަދި ރާއްޖެއާ ބޭރު ދުނިޔެއާ އޮންނަ ގުޅުން ކަނޑުވާލާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވެފައިވަނީ، ގައުމަށް ބޭނުންވަނީ ތާހިރުކޮށް ހުރި ވަތަނީ ލީޑަރެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު