ރާއްޖެއިން އިންޑިއާ ފަސްޓް ޕޮލިސީ ދަމަހައްޓާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގައުމަށް ދެއްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނެރެންދްރާ މޯދީގެ ދައުވަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގައުމަށް ކުރައްވާ ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހަވީރު ނިއުދިއްލީގެ ހޮޓެލް އައިޓީސީ މައުރިޔާގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި، ގާތް ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވި ކަމަށް ބުންޏެވެ.
މީގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.
އެގޮތުން ގުރޭޓާ މާލެ ކަނެކްޓްވިޓީ ބުރިޖާއި ހައުސިން މަޝްރޫއުތަކާއި އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫއުގެ އިތުރުން ބައެއް އެހެން މަޝްރޫއުތައްވެސް ހިމެނެއެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރޔ ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫއުތައް ބާރަށް ހިނގަމުންދާ ކަމަށާއި އެ މަޝްރޫއުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ބައްދަލުކުރެއްވުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން ދެމުންގެންދާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު