މަސްތުވާތަކެތި ކަމަށްބެލެވޭ ރަބަރު ޕެކެޓަކާއެކު ފުލުހުން ހައްޔަރުކުރި މީހެއްގެ އަތުން ފެނުނީ ބޭކިން ޕައުޑަރު ނުވަތަ މަސްތުވާތަކެތިކަން ޔަގީން ވެފައިނުވާތީ ހައްޔަރުކުރި މީހާ ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މުހައްމަދު އާސިފް ކިޔާ މީހެކެވެ.
އޭނާގެ ބަންދުން ދޫކޮށްލުމަށް އަންގައި ކުރިިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އެ ރަބަރު ޕެކެޓް ފެނުނުކަމަށް ފުލުހުން ބުނެފައި ވަނީ އެމީހާ ދިރިއުޅޭ ގޭގެ ބަދިގޭ ކަބަޑެއްގެ ތެރެއިންނެވެ. ނަމަވެސް އެތަކެއްޗާބެހޭގޮތުން އެވަގުތު ސުވާލު ކުރުމުން އެއީ މަސްތުވާތަކެތި ނޫން ކަމަށް ސީންގައި ވެސް އެމީހާ ބުނެފައިވާކަން ފުލުހުންގެ ބަޔާނުގައިވެއެވެ.
ހައްޔަރުކުރި މީހާވެސް އަދި އޭނާގެ ވަކީލު ވެސް ކޯޓުގައި ބުނެފައި ވަނީ އެތަކެއްޗަކީ ބޭކިން ޕައުޑަރު ކަމަށެވެ. އަދި ފުލުހުންނަށް އެކަން ކަށަވަރުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އެކަން އެނގޭނީ ތަހުލީލު ކުރުމުން ކަމަށެވެ.
މިމައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ގާޒީ ސައްފަތު ހަބީބު ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކަސްޓަމްސް ސާވިސްއިން މި ބާވަތުގެ މައްސަލަތަކުގައި ވަގުތީ ޓެސްޓް ކިޓްތަކުން ވަގުތުން ތަހުލީލު ކުރާ ކަމަށެވެ. އެކަން ދިވެހި ފުލުހުންނަށް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެމީހާ ބަންދު ކުރުމަށް އެދުނު ފޯމުގައިވެސް އެމީހާގެ އަތުން ފެނުނުތަކެތި ޝައްކު ކުރެވެނީ މަސްތުވާތަކެތީގެ ކޮން ބާވަތަކަށްކަން ފުލުހުން ހިމަނާފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ކަންކަމުގެ ހަގީގަތާ ހަމައަށް ވާސިލު ވެވޭނެ ފަސޭހަ ގޮތް އޮވެ، ޝައްކެއްގެ މަތީގައި ހުރެ މީހެއްގެ މިނިވަންކަން ގައިދު ކުރުމާ ދުރުވާންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް އޭނާ ބަންދުން ދޫކޮށްލަން އަމުރު ކޮށްފައި ވަނީ ޝަރުތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު