ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

މަހިބަދޫއަށް ދަތުރު ނުކުރެވޭތީ ނިއުގެ މެޗު ފަސްކޮށްފި

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.

މިއަދުގެ މެޗު ފަސްކުރަން އެފްއޭއެމުން ނިންމީ މަހިބަދޫއަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބަކީ މާލޭގައި ބޭސްވެގެން ތިބޭ ޓީމަކަށް ނުވުމާއެކު، މި މޫސުމުގައި ދަތުރުކުރަން އެ ޓީމަށް އުނދަގޫތަކާ ކުރިމަތިވެފައިވާތީއެވެ. އޭގެ އިތުރުން މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތަކުގައިވެސް ވަރަށް ބޮޑަށް ވަނީ ފެން ހެދިފައެވެ. އެހެންކަމުން މެޗު ފަސްކުރުމުގައި އެ ކަންކަމަށްވެސް އެފްއޭއެމުން ބަލާފައިވާ ކަމަށް ބެލެވެއެވެ.

މިވަގުތު ދެވަނަ ޑިވިޝަނުގައި ކުޅެމުންދާ ޓީމުތަކުގެ ތެރެއިން ނިއުއަކީ އެންމެ ފޯމު ރަނގަޅުކޮށް އޮތް އެއް ޓީމެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ނިއު މޮޅުވެފައިވާ އިރު، އެޓީމު ގްރޫޕުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ. މަހިބަދޫއާ ދެކޮޅަށް މިއަދު ކުޅެން އޮތް މެޗު ކާމިޔާބުކޮށްގެން ނިއުއަށް މުބާރާތުގެ ސެމީ ޔަގީންކުރެވޭނެއެވެ.

ރާއްޖޭގެ އެންމެ ތާރީހީ ކްލަބު ނިއުއިން މިފަހަރު ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން ދަނީ ބޮޑު ސަސްޕެންޝަނަކުން ސަލާމަތްވެގެންނެވެ. ދަރަނީގެ މައްސަލަތަކެއްގައި ފީފާއާއި އެފްއޭއެމުން ނިއު ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށްފަހު، މިފަހަރު ކުޅެމުން ދަނީ ދަރަނިތައް އަދާކޮށް، ސަސްޕެންޝަނަށް ހައްލު ހޯދައިގެންނެވެ.