ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުސްވި ޖޫން މަހުގެ 21 ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހއ. ތުރާކުނު/ ގްރީންހައުސް، މުހައްމަދު ހުސައިން (47އ) ބަންދުކުރުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.
އެ މައްސަލައިގައި ހުސެއިން މުހައްމަދު ހައްޔަރުކޮށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށް، ފުލުހުން އެދުނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަނަދުގައި ބެހެއްޓުމަށެވެ. ނަމަވެސް ކޯޓުން އަމުރު ކޮށްފައިވަނީ އޭނާގެ 60 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށެވެ.
އެކަމާ ގުޅިގެން މުހައްމަދު ހުސެއިންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިއެވެ.
މުހައްމަދު ހުސެއިން ކޯޓުގައި އެދުނީ، އޭނާ ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޖިނާއި އިޖުރާއަތުގެ ގާނޫނާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރު ބާތިލު ކޮށްދިނުމަށެވެ.
މި މައްސަލަ ބަލައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި މުހައްމަދު ހުސެއިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އޭނާ ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
މި މައްސަލަ ބެއްލެވި ތިން ފަނޑީޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސްފަނޑީޔާރު ހާތިފް ހިމްލީއެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދު އާއި ފަނޑީޔާރު ހުޒައިފަތު މުހައްމަދެވެ.
ޚަބަރު
ޚަބަރު