މިރޭ ވެމްބްލީގައި ކުޅުނު ޔޫރޯ 2022 ގެ ފައިނަލްގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، އިންގްލެންޑް އަންހެން ޓީމުން ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބުކޮށްފިއެވެ.

އިންގްލެންޑުން މިރޭ ކުޅުނު ފައިނަލުގައި އަށް ފަހަރުގެ ޗެމްޕިއަން ޖަރުމަނު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ ތަށްޓަކީ އިންގްލެންޑްގެ އަންހެން ގައުމީ ޓީމުން ބޮޑު މުބާރާތަކުން ހޯދި ފުރަތަމަ ތަށްޓެވެ. ވެމްބްލީގައި މިރޭ ކުޅުނު ފައިނަލް ބެލުމަށް 87،192 މީހުން ވަދެފައިވާ އިރު، މެޗުގެ ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފުވެސް ކުޅެގެންނެވެ.

މެޗުގައި ޖަރުމަނު ޓީމުގެ ފަރާތުން ވަރުގަދަ ފިޒިކަލް ފުޓުބޯޅައެއް ފެނިގެން ގޮސްފައިވާ އިރު، އިންގްލެންޑުން ބޮޑަށް ބެލީ ކައުންޓާގައި އެޓޭކް ކުރުމަށެވެ. މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑުން ލީޑު ނެގީ އެލާ ޓޫން ޖެހި ގޯލުންނެވެ. އެ ގޯލާއެކު އިންގްލެންޑުން ލީޑު ކުރަމުންދަނިކޮށް، މެޗުގެ 79 ވަނަ މިނެޓުގައި ޖަރުމަނުން ނަތީޖާ ހަމަހަމަކުރީ ލީނާ މަގުލީ ޖެހި ގޯލުންނެވެ.

އިންގްލެންޑުން މުބާރާތް ޔަގީންކުރި ގޯލު އިތުރު ވަގުތުގައި ޖެހީ ބަދަލަކަށް ކުޅެން ނުކުތް ކްލޯއީ ކެލީއެވެ. ކެލީގެ ގޯލާއެކު ވެމްބްލީގައި ތިބި އިނގިރޭސި ސަޕޯޓަރުން ހާއްސަ ފޯރިއެއްގައި ފެނުނު އިރު، ކުޅުންތެރިންގެ އުފާފާޅުކުރުންވެސް ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

އިންގްލެންޑާއި ޖަރުމަނަކީ ފުޓުބޯޅައިގެ ވާދަވެރި ދެ ގައުމެވެ. އިންގްލެންޑް ފިރިހެން ޓީމުން މިހާތަނަށް ކާމިޔާބުކުރި ހަމައެކަނި ވޯލްޑް ކަޕް، 56 އަހަރު ކުރިން 1966 ވަނަ އަހަރު ކާމިޔާބުކުރީ ވެސްޓް ޖާމަނީ ބަލިކޮށްގެންނެވެ.