ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވުމާއެކު، އެކަމާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އެމްޖޭއޭގެ ފަރާތުން ވަނީ ހެއްކާބެހޭ ގާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސަށް ދަންނަވައިފައެވެ.
އެގޮތުން އެ ޤާނޫނުގައި މަސްދަރު ހާމަކުރުމާއި ގުޅޭގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާމެދު ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި ހެއްކާބެހޭ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އިރު، އެމްޖޭއޭއިންނާއި ނޫސްވެރިން ބޭނުންވީ، މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާ ބިލުން މުޅިން އުނިކުރުމަށްކަމުގައިވީ ނަމަވެސް، އެކަމާމެދު އެ ފަރާތްތަކުން ދެކޭ ގޮތް މިހާރު ބަދަލުވެފައިވާ ކަމަށާއި އެއީ އޮންނަން ޖެހޭނެ މާއްދާއެއްކަމުގައި މިހާރު ދެކޭ ކަމުގައި އެމްޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން ގާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ނޫސްވެރިން ބޭނުންވާކަން އެމްޖޭއޭގެ މެމްބަރުން ރައީސް އަރިހުގައި ދެންނެވިއެވެ.
ރައީސް އޮފީހުން ބުނީ، ބައްދަލުކުރެއްވުމުގައި ސަރުކާރުން ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން ރައީސް ސާފުކޮށްދެއްވި ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި މި ސަރުކާރުގެ ފާއިތުވެދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށާއި އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް ހުރިހާ ފަރާތްތަކަކަށްވެސް ރައްކާތެރިކަން ހޯދައިދެއްވުމަށްކަމުގައި ރައީސް ވިދާޅުވި ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ހެއްކާބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށްވެސް ރައީސް ވިދާޅުވި ކަަމަށެވެ. އޭގެ އިތުރުން މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާއި ގުޅޭގޮތުންވެސް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމުގައިވެސް ވިދާޅުވި ކަމަސް ބުންޏެވެ.
ބައްދަލުވުމުގައި ބަންޑާރަ ނައިބު ރިފްއަތު ވަނީ ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށް އަދި ހަ މަސް ދުވަސް އެބަ އޮތްކަން ފާހަގަކުރައްވައި، އެ ގާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްގުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ގޮތްތައްވެސް ސާފުކޮށްދެއްވައިފައެވެ. އަދި ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ. އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައިވެސް ވިދާޅުވިއެވެ.
ހެއްކާބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު