ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށާއި މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަަށައިފިއެވެ.
ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުން، ނާޒިމް ދިފާއުކުރައްވައި ރައީސް ނަޝީދު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އަދި އެ ވާހަކަތަކަށް އީވާ ވަނީ ތާއީދުކުރައްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިޖުރާއަތްތަކާ ހިލާފަށް ނާޒިމް ހައްޔަރުކުރީ ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ވައްޓަވާލައްވާނެ ކަމަށް އިންޒާރު ދެއްވުމާއެކު، އެ މަނިކުފާނު އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހާމެދު އެފަދަ ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕު މެންބަރުންނާއި އާއްމު މެންބަރުން ހިމެނޭ ގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށާއި އީވާއަށް ފާޑުކިޔަމުންނެވެ. އެ ބޭފުޅުން މަޖިލީހުގެ މެންބަރުކަމުންނާއި އެމްޑީޕީން ވަކިކުރުމަށްވެސް ދަނީ ގޮވަމުންނެވެ.
ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއް ހަދައި ސޮއިކުރުމަށް ހުޅުވާލާފައި ވަނީ، އެކި ކަންކަމަށް ގޮވާލައި ޕެޓިޝަން ހިންގުމަށް މަޝްހޫރު އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ 'ޗޭންޖު.އޯގް' ވެބްސައިޓުގައެވެ. 'ދިވެހި ރާއްޖެ' ނަމަކަށް ކިޔާ އެކައުންޓަކުން ހަދާފައިވާ މި ޕެޓިޝަނަށް 13 ގަޑިއިރު ވީއިރު، މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ، ނަޝީދު ގެންދަވަނީ އިސްލާމް ދީނަށް ގޮންޖައްސަވައި ދިވެހި ރައްޔިތުންނަށް ފުރައްސާރަ ކުރައްވަމުން ކަމަށެވެ. އަދި މިއަދު އެ މަނިކުފާނަކީ ނާތަހުޒީބުކަން ދިފާއުކޮށް، މުޅި ގައުމު ނިކަމެތި ކުރަން މަސައްކަތް ކުރާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު