ރާއްޖޭގައި މިހާރު މިއޮތީ އަދުލުވެރި ވެރިކަމެއް ނޫން ކަމަށާއި މިއީ ފާސިގު ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރަން ޖެހޭ ކަމަށާއި ރާއްޖޭގައި އޮތީ "އޯވެލްގެ އެނިމަލް ފާމް"ގެ ހުކުމް ކަމަށެވެ.
"އޯވެލް އެނިމަލް ފާމްގެ ހުކުމަކީ ހުރިހާ ޖަނަވާރުންވެސް ހަމަހަމަވާނެ، އެކަމަކު ބައެއް ޖަނަވާރުން މާބޮޑަށް ހަމަހަމަ ވާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އެންމެންނަށް ގާނޫނު ހަމަހަމަކަމާއެކު ނުހިންގަނީ ނަމަ އަދުލުވެރި ވެރިކަމަކަށް ނުވާނެ ކަމަށެވެ.
އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯޓަކެއް އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވެއި ވަނިކޮށެވެ. އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާންގެ ފިރިކަލުންނަށް ތުހުމަތުކުރެވޭ ސަފާރީ ރޭޕް ކޭސްއަށް ރައީސް ސޯލިހު ނުފޫޒު ފޯރުވި ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.