ގައުމާ ހަވާލުވެގެން ތިބި ލީޑަރުން ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްފި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ޒިނޭކުރާ ފޮޓޯތަކެއް އެ މަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެވެސް ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތުތަކެއް ފެންމަތި ކުރައްވާފައި ވަނިކޮށެވެ.

ނާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާނަމޭ ބުނެ ރައްޔިތުންނަށް ވައުދުވެ ގައުމާއި ހަވާލުވެގެން ތިބި ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް ގައުމާއި ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލައިފައިވާ ކަމަށެވެ. އަދި މިނޫން ގޮތެއް މިހާރު ހޯދަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ގައުމާއި ހަވާލުވެގެން ތިބި ލީޑަރުން ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލައިފައިވާ ކަމަށް ނާޒިމް ވިދާޅުވި އިރު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން ނަޝީދު ވަނީ އެއީ ކޯލިޝަންގައި ތިބި ހަރުކަށި ވިސްނުމުގެ މީހުން ބޭނުންވެގެން ރައީސް ސޯލިހުގެ ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.