ހުޅުލޭ ފަޅުތެރެއަށް މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ، އެއާޕޯޓުގެ ކާގޯ ބަނދަރުން މުދާ ބަރުކުރަމުން ދިޔަ އެ ދޯނި އަޑިއަށް ދިޔައީ މިއަދު 3:00 ޖަހާކަންހާއިރު، އައި ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށްވެސް ބުންޏެވެ.
އެނގިފައިވާ ގޮތުގައި އަޑިއަށް ގޮސްފައިވަނީ އަރަމެކްސް ކޮރިއާ ސާވިސްގެ ކާގޯ ދޯންޏެވެ. އެ ކުންފުންޏަކީ ލޮޖިސްޓިކް އަދި ޝިޕިންގެ ހިދުމަތް ފޯރުކޮށްދޭ ޔޫއޭއީގެ ކުންފުންޏެކެވެ.
އެމްއޭސީއެލުން ބުނީ، އެ ހާދިސާގައި އަޑިއަށްގޮސްފައިވާ ދޯނީގައި ހުރި މުދާ ސަލާމަތްކުރުމުގެ މަސައްކަތުގައި ދޯނިން މުދާ އުފުލާ ކުންފުނީގެ މުވައްޒަފުންނާއި އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ދޯނި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.