ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ދަތި ދުވަސްވަރުގައި ސަރުކާރާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހިޖްރީ 1444 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ، ދުނިޔަވީ ހަޔާތުގައި މިއަދު އަރާ ހަމަކުރެވިފައި މިވަނީ އިންސާނީ ތާރީހު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރަކާ ކަމަށެވެ.
ބައިނަލްއަގުވާމީ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އިގުތިސޯދީ ގޮތުންވެސް ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާ ކަމަށާއި ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގައުމެއްގެ ހަޔާތުގައި ކުރިމަތިވާ މިފަދަ ކޮންމެ ހުރަހެއް ގިރާކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ،" ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މުޖުތަމައުގެ ސުލްހަ އާއި ހަމަޖެހުމަށް މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ރައީސް ވިދާޅުވީ، ހިޖުރައިގެ މަތިވެރި ދަތުރުފުޅާ ވިދިގެން އުފަންވި އިސްލާމީ އުންމަތް، އެއިރު ދުނިޔޭގައި އޮތް އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދި ގޮތަކީ ދައުލަތެއް ކުރިއަރައި ދިއުމަށް ބޭނުންވާނެ އެންމެހައި ސިފަތަކާއި ނަމޫނާތައް ދައްކައިދޭ ވަރަށް އަގުހުރި މިސާލުތަކެއް ކަމަށެވެ. އެއީ އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް ކޮންމެ ބަޔަކުވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް، ތަހުޒީބާއި ތަމައްދުނުގެ މައިދާނުގައި ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތައް އިސްލާމީ އުންމަތް އުފެދި ކުރިއަރައިގެން އައި ގޮތުގައި އެކުލެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ އިންސާނުންގެ މެދުގައި އޮންނަންވީ ގުޅުމުގެ ބަދަހިކަން ކަމަށެވެ. ވެރިންނާއި ރައްޔިތުންނާ ދެމެދުގައި އޮންނަންވީ ގުޅުމާއި ދައުލަތުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ދޭދޭ ރައްޔިތުންގެ މެދުގައި ހަރުދަނާ ބަދަހި ގުޅުމެއް އޮތުމުގެ މުހިންމު ކަމަށް ނަބަވީ ތާރީހުގެ ސަފުހާތަކުން ފެންނަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމަށްޓަކައި މުޖުތަމައުގެ ތެރޭގައި ރައްޔިތުން އަދާކުރަންޖެހޭ މުހިންމު ދައުރުވެސް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު