ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

ނިއު ކުރިއަށް، ބީޖީވެސް ބަލިކޮށްފި

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން ބީޖީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، ނިއު ވަނީ ސެމީ ފައިނަލާ ގާތަށް ޖެހިލައިފައެވެ. ގުރޫޕް ދޭއްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ނިއު ތާވަލްގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އެލްޓީ ސްޕޯޓްސް ކްލަބެވެ. ތިން ވަނައިގައި، ހަ ޕޮއިންޓާ އެކު އޮތީ ކްލަބު ޓީނޭޖެއެވެ. ހަތަރު ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ޓީމުގެ ކެޕްޓަން ގާނާގެ މިޑްފީލްޑަަރު ތޯރިގު ޖެބްރިން ފުރަތަމަ 11 ގައި ނުހިމަނައި ރޭ ނިއުއިން މެޗަށް ނުކުތް އިރު، ހަމަލާތައް އުފެއްދުމުގައި އޭނާ ނެތްތައް ދެއްކިއެވެ. މެޗުގެ ކުރީކޮޅުގައި ނިއުގެ ހަމަލާތައް އެންމެ ކާމިޔާބުކޮށް ފެނިފައިނުވާ އިރު، ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވަނީ މެޗުގެ 28 ވަނަ މިނެޓުގައި ތޯރިގު ކުޅެން އަރުވައިފައެވެ.

އެ ބަދަލާއެކު ނިއު އިން ލީޑު ނެގީ މެޗުގެ 33 ވަނަ މިނެޓުގައި ކޯފީ އޮވޫސޫ ޖެހި ގޯލުންނެވެ. ނިއުގެ އާދަމް ޝަހީމް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ކޯފީ ގޯލަށް ވައްދާލީ ބޮލުންނެވެ. ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލި އިރު، ނިއުގެ ދެވަނަ ގޯލު ޖެހީ މުހައްމަދު ލިޔާހެވެ. މެޗުގެ 67 ވަަނަ މިނެޓްގައި އޭނާ ގޯލު ޖެހީ ތޯރިގް ދިން ޕާހަކުންނެވެ.

ދެ ވަނަ ޑިވިޝަންގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކުޑަ ހެންވޭރާ ދެކޮޅަށް ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި މިރޭ ކުޅޭ މެޗުގައި ކްލަބު ޕީކޭއާ ދެކޮޅަށް ނުކުންނާނީ ބިސްބުރު ސްޕޯޓްސް ކްލަބެވެ.