ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ދެންމެ ހައްޔަރުކޮށްފިއެވެ.
ނާޒިމް ހައްޔަރުކުރިން ކަށަވަރުކޮށްދެއްވައި ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުނާފުގެ ކޮއްކޯފުޅު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ނާޒިމް ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތްތަކާ ދެކޮޅަށް، ސިޔާސީ ގޮތުން ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތްހަމަޖައްސައިދިނުމަށް،" ނަޝީދު ވިދާޅުވިއެވެ.
ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަނީ ކުރަމުންނެވެ.
އެ އަމުރުތައް ނެރުނުކަން އެނގުމާއެކު ނާޒިމް ވަނީ އއ. އަތޮޅުގައި އޮންނަ މާޔާފުށި ކިޔާ ރިސޯޓަކަށް ގޮސްފައެވެ. އެ ރިސޯޓަކީ ނާޒިމްގެ ބޮޑުބޭބެ އަބްދުލް ޖަލީލްގެ ރިސޯޓެކެވެ.
ފުލުހުން ނާޒިމް ހައްޔަރުކުރީ އެ ރިސޯޓުގައި ހުއްޓައެވެ.
އަލަމް ގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.
އެ ތިން މީހުންގެ ތެރެއިން ކާނަލް އަދި ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ވީޑިއޯ ލީކުވި ފުލުސް މީހާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހައްޔަރުކުރި ދެ މީހުންނަކީ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ ދެމީހުން ކަމަށެވެ.
މީގެ ކުރިން އަލަމް ގީރް ވަނީ ހައްޔަރުކޮށް ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައެވެ.
އޭނާގެ އިތުރަށް މިއަދު ހައްޔަރު ކުރި ދެމީހުންނަކީ 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކާނަލް ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެވެ.
ޚަބަރު
ޚަބަރު
ޚަބަރު