އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުވާ މީހުން ހައްޔަރުކުރުމުގެ މަސައްކަތް މިއަދު ފުލުހުން ވަނީ ފަށައިފައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.
ނާޒިމްގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ފުލުހުންނަށް ނުފޫޒު ފޯރުވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމަށް ވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްވެރިންނާއި އާންމުގެ ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާ ކަމަށް ބުނެ ފަތުރާފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"އެއްވެސް ފަރާތަކުން މި މައްސަލައިގައި ފުލުހުން ކުރަމުންގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒު ފޯރުވާފައިނުވޭ،" ފުލުހުން ބުންޏެވެ.
އަލަމް ގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުވާ ދެ މީހަކު ފުލުހުން ވަނީ މިއަދު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ހައްޔަރުކުރި ދެ މީހުންނަކީ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ ދެމީހުން ކަމަށެވެ.
މީގެ ކުރިން އަލަމް ގީރް ވަނީ ހައްޔަރުކޮށް ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައެވެ.
އޭނާގެ އިތުރަށް މިއަދު ހައްޔަރު ކުރި ދެމީހުންނަކީ 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކާނަލް ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯ އާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގުސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމު ކޮށްފައިވާ ކަމަށެވެ. އެފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭ ކަމަށް ގަސްތުގައި ދޮގު ހަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާއީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި ހިފައި، އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ ފޮޓޯ އާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާ މެދު އެޅުމުގެ ކުރިން ވީޑިއޯ އާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް ފޮރެންސިކް ސާވިސްއިން ކޮށް، ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓިޓީ ފޮރެސިކް ތަހުލީލުން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެގޮތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ބުނީ، މިހާތަނަށް ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި ހިންގަމުންދާ ކަމަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި އެ ފަދަ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ، ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު