ދުނިޔެ

ބޯޓު އުރުނީ ހުންގާނު ދޫކޮށްފައި ޗީފް އޮފިސަރު ފާޚާނާއަށް ދިޔުމުން

2

އިނގިރޭސިވިލާތުގެ ލިވަރޕޫލުން ފުރައިގެން އުތުރު އަޔަލެންޑްގެ ބެލްފާސްޓަށް ގޮވާން ހިފައިގެން ދަތުރުކުރި އާގުބޯޓެއް ހުސްވިއަހަރު އައިލް އޮފް މޭންގެ އައްސޭރިޔަށް އުރުނީ ހުންގާނު ދޫކޮށްލާފައި ޗީފް އޮފިސަރު ފާޚާނާއަށް ދިއުމުން ކަމަށް މިހާދިސާގެ ތަހުގީގުން ހާމަވެއްޖެއެވެ.

ބޯޓުގެ ބްރިޖް ނުވަތަ ވީލް ހައުސްގައި ބޯޓު ދުއްވާން ހުރެފައި ޗީފް އޮފިސަރުގެ ބަނޑަށް އުނދަގޫވާތީ ފާޚާނާއަށް ދިޔައިރު ބްރިޖުގައި އެހެން އެއްވެސް މީހަކު ނެތެވެ. އެހެންނަމަވެސް ބޯޓުގައި އެހެން ހަތަރު ފަޅުވެރިން ތިއްބެވެ. ތަހުގީގު ރިޕޯޓު ބުނާގޮތުގައި ބޯޓުގެ ނެވިގޭޝަން ސަމާލުކުރުމަށް ބުރިޖުގައި އަބަދުވެސް ކޮންމެވެސް މީހަކު ހުންނާންވާނެއެވެ. ފާޚާނާއަށް ދާން ޗީފް އޮފިސަރު ބުރިޖް ދޫކޮށް ދިޔައީ އެހެން މީހަކަށް އެންގުމަކާނުލައެވެ. އަދި ހުންގާނަށް ސަމާލުވާނެ މީހަކު ނުބަހައްޓައެވެ.

ފާޚާނާކުރަން ޖެހުމަކީ އުޒުރެއް ނޫންކަމަށާއި އައިލް އޮފް މޭންގެ އައްސޭރީގައި ހުރި އުސް ލައިޓް ހައުސްވެސް ބޯޓަށް ރީއްޗަށް ފެންނާންވާނެ ކަމަށާއި މިކަމުގައި އޮތީ މުޅިންވެސް ޗީފް އޮފިސަރުގެ އިހުމާލު ކަމަށް ތަހުގީގި ރިޕޯޓު ބުނެއެވެ. އައިލް އޮފް މޭންއަކީ އަޔަލެންޑާއި އިންގްލެންޑާއި ދެމެދު އޮންނަ ޖަޒީރާއެކެވެ. މި ޖަޒީރާ އޮންނަނީ އިނގިރޭސިންގެ ވެރިކަމުގެ ދަށުގައެވެ.

އުރުނު ބޯޓަކީ ލެޓްވިޔާގެ ދިދަނަގާފައިވާ ބޯޓެކެވެ. ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބީވެސް ލެޓްވިޔާ މީހުންކަމަށް ބެލެވެއެވެ. މިބޯޓު ފުންކުރެވުނީ އުރުނުތާ އެއްދުވަސްފަހުން ޓަގުބޯޓެއްގެ އެހީގައި ދެފަހަރު މަސައްކަތްކޮށްގެންނެވެ. މިހާދިސާގައި ތެޔޮލީމުވުމާއި އައްސޭރިއަށް ގެއްލުންވުމުގެ ހާދިސާއެއް ނުހިނގާކަމަށް އެނގިފައިވެއެވެ. މި ބޯޓަކީ ސީއީޖީ އޯބިޓް ނަމަކަށް ކިޔުނު އާގުބޯޓެކެވެ.