ތައިލެންޑުގެ ކަލާސިން ޕްރޮވިންސުގައި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ޓީޗަރުންތަކެއް ހައްޔަރުކޮށްފިއެވެ. ޖުމްލަ ނުވަ މީހަކު ހައްޔަރު ކުރެވުނުއިރު އޭގެތެރެއިން ހަ މީހުންނަކީ ޓީޗަރުންނެވެ.
މިއެންމެން ހައްޔަރު ކުރެވުނީ ކުޑަކުދީންނަށް ސްކޫލުގެ މާހައުލުގަޔާއި އަދި ސްކޫލުން ބޭރުގައި ޖިންސީ އެކިއެކި ގޯނާކުރުމުގެ މައްސަލަތަކެއް ފެންމަތިވެ ފުލުހުން އެކަން ތަހުގީގުކުރުމުގެ ތެރެެއިންނެވެ. ފުލުހުން ބުނާގޮތުގައި މިއެންމެން ހައްޔަރު ކުރެވިފައިވަނީ ވަކިވަކިންނެވެ.
ހައްޔަރު ކުރެވުނު އެކަކީ ކުރިން ޓީޗަރަކަށް އުޅެފައި ދާދިފަހުން ރިޓަޔަރކޮށްފައިވާ މީހެކެވެ. ޕްރައިމަރީ ދެ ޓީޗަރަކާއި ހައިސްކޫލްގެ އެއް ޓީޗަރަކުވެސް ހިމެނެއެވެ. އަދި ޔުނިވަރސިޓީ ލެކްޗަރަރ އަކާއި ކުޑަކުދީންގެ ވެލްފެއަރގެ ކަންތައްތަކާ ހަވާލުވެގެން މަސައްކަތްކުރާ މީހަކުވެސް ހިމެނެއެވެ. މިމީހުންގެ ފުށުން އަނިޔާ ލިބިފައިވަނީ މުޅިންވެސް އަށާރަ ނުފުރޭ ކުޑަކުދިންނަށް ކަމަށާއި އެއީ މިމީހުން ޒިންމާވާ ސްކޫލްތަކުގެ ދަރިވަރުން ކަމަށްވެސް އެނގިފައިވެއެވެ.
ކަލާސިންއަކީ ތައިލެންޑުގެ އިރުއުތުރުގައި އޮންނަ ޕްރޮވިންސެކެވެ. އާބާދީގެ ނިސްބަތުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފަހަކަށް އައިސް އެންމެ ގިނައިން ރިޕޯޓްކުރެވޭ އެއް ޕްރޮވިންސަކީ އެއީއެވެ. ޖިންސީ ގޯނާގެ ތުހުމަތުގައި މިފަހަރު ހައްޔަރު ކުރެވުނު ގިނަ މީހުންނަކީ އެ ޕްރޮވިންސްގެ ވެރިރަށުގެ އެކި ސްކޫލްތަކުގައި ކިޔަވައިދޭން އުޅުނު މީހުންނެވެ.