ހުކުރު ދުވަހުން ފެށިގެން ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން މެދު ރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެެ ކަމަށެވެ. އަދި އެ ސަރަހައްދަށް ކަނޑު ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ހުކުރުން ދުވަހުން ފެށިގެން ހަފުތާ ނިމެންދެން ވާރެވެހި ކަނޑުތައް ގަދަވެ ބާރަށް ވައިޖެހޭނެ" އޮފިޝަލް ވިދާޅުވިއެވެ.
މާދަމާގެ މޫސުން މިއަދަށް ވުރެ ރަނގަޅު ވިޔަސް އުޑުމަތި ބަނަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެއަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުންނާއި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވާރެ ވެހި ފެންބޮނޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަތަކުން ރައްކާތެރިވުމަށް ވެސް އިލްތިމާސްކޮށްފައެވެ.