ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރިކަމުގެ ތުހުމަތާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން ކޯޕްރަލްގެ ވަޒީފާ އަދާކުރަމުންދިޔަ ގ. އިދިމާ/ އިބްރާހިމް އަނަސް އަހުމަދުގެ މަގާމާއި ވަޒީފާ ބަދަލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައިނުގެން ބޭރުކޮށްލައިފިއެވެ.

އަނަސްގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ، އޭނާގެ މަގާމު ބަދަލުކޮށްފައި ވަނީ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކަރެކްޝަންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ޑިވިޝަނަށް އޭނާ ހާޒިރުކޮށް ބަޔާން ނެގި ނަމަވެސް، އެ މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް ދިނުމަށް ކަރެކްޝަނުން އިންކާރު ކޮށްފައިވާ ކަމަށާއި އަދި މިއަދާ ހަމައަށްވެސް އެ ފަރާތުން ވަޒީފާގެ އެއްބަސްވުމެއް އަދި ވަޒީފާގެ ބަޔާނެއް ދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އޭނާގެ މަގާމު ބަދަލުވިކަން އަންގައި އޭނާއަށް ދީފައިވާ ޗިޓަކީ ވަޒިފާއާބެހޭ ގަވާއިދާ ހިލާފަށް ދީފައިވާ ޗިޓެއް ކަމަށް ކަނޑައަޅައި، އޭނާގެ މަގާމު ބަދަލުކުރުން ބާތިލުކޮށް، އޭނާގެ ބަޔާން ނަގާފައިވާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ މައްސަލަތައް ތަހުގީގުކުރުމުގެ އުސޫލާ ހިލާފަށް ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް އަނަސް ޓްރައިބިއުނަލްގައި އެދުނެވެ.

އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފަށް، އޭނާގެ އަބުރު ގެއްލޭ ގޮތަށް ކަރެކްޝަނުން އަމަލު ކޮށްފައިވާ ކަމަށް ކަނޑައަޅައި، ވަކި ދައުވާއެއްގެ ގޮތުން އަބުރުގެ ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ވަޒީފާގެ އެއްބަސްވުމާއި ވަޒިފާގެ ބަޔާން އޭނާއަށް ދީފައިނުވާ ކަމަށް ކަނޑައަޅައި، ގާނޫނުގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުމަށްވެސް އަނަސް ހުށަހެޅިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ޓްރައިބިއުނަލުން އެތަނުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ، ކަރެކްޝަނަކީ ސިވިލް ސާވިސްގައި ނުހިމެނޭ، ވަޒީފާއާބެހޭ ގާނޫނުގެ ހަތަރު ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ މަދަނީ ހިދުމަތެއް ކަމަށެވެ.

ވަޒިފާއާބެހޭ ގާނޫނުގެ ހަތަރު ވަނަ ބާބުން އިސްތިސްނާ ކޮށްފައިވާ ވަޒީފާތައް އަދާކުރާ ފަރާތްތަކަށް، ފަވީފާއާބެހޭ ގާނޫނުގެ ދަށުން ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައްގު ލިބިދީފައި ވަނީ އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ ދަށުން އެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ވަޒީފާއާބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތު ކުރުމެއް އަނަސްއާމެދު ކޮށްފައިވާ ކަމަށް އެ މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައި ނުވާތީ އެ މައްސަލައަކީ ވަޒިފާއާބެހޭ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ލިބިދޭ ހައްގަކަށް އުނިކަމެއް ލިބުމުގެ ސަބަބުން އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ނުބެލެވޭތީ، އެ މައްސަލަ ޓްރައިބިއުނަލަށް ބަލައި ގަނެވެން ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.