ދުނިޔެ

އަދުގެ ދުނިޔެ: ޔުކްރޭނުގެ ހަނގުރާމައިގައި ރަޝިޔާއިން ބައު ހަތިޔާރު ބޭނުންކުރޭތަ؟

އިމާދު ލަތީފު

ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތީ މިއަހަރުގެ ފެބްރުއަރީ ސައުވީސްވަނަ ދުވަހުއެވެ. އޭގެފަހުން މިހާތަނަށް ބަރާބަރު ފަސްމަސް ހަމަވީއެވެ. މި މުއްދަތުގެ ތެރޭގައި ދެފަރާތުން އެތައް ހާސްބަޔަކު މަރުވެއްޖެއެވެ. އެތައް އިމާރާތެއް ހަލާކުވެ އާއްމުންގެ ތެރެއިން އެތައްހާސްބައެއްގެ ގެދޮރާއި މުދާވެސް ގެއްލިގެން ހިނގައްޖެއެވެ. މިއީ ޓެކްނޮލޮޖީގެ މިޒަމާނުގައި ކުރެވެމުންދާ ހަނގުރާމައަކަށްވެފައި އަދި މިހަނގުރާމައިގައި ސީދާގޮތުން ޝާމިލްވަނީ ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރިއަރާފައިވާ މީހުން ކަމަށްވާތީ މިއީ ހައިޓެކް ހަނގުރާމައަކޭވެސް ބައެއް މީހުން ބުނެއެވެ. އެކަމަކު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން އެނގެނީ މި ހަނގުރާމަ އެހާ ޒަމާނީ ނޫންކަމެވެ. އަސްކަރީ ތަންތަން ކަމުގައި ނުހިމެނޭ ތަންތަނަށް މިސައިލް ހަމަލާތައް އަމާޒުވެ ގިނައަދަދެއްގެ އާއްމުން މަރުވުމަކީ މިކަމުގެ ހެއްކެކެވެ.

ޒާތްޒާތުގެ ޖީޕީއެސްތަކާއި ނަންހުސްކޮށް ޒަމާނީ އެންމެހައި އާލާތްތަކާއި ވަސީލަތްތަކުގެ އެހީގައި އަމާޒު ހޯދައި ހަމަލަތައް ފޮނުވައިލާއިރު އެޕާޓްމަންޓް ބިލްޑިންތަކާއި ހޮސްޕިޓަލްތަކާއި މަދަރުސާތަކާއި ޕާކްތަކަށް އަރަނީ ކީއްވެބާވައެވެ. އެތަންތަން ފުނޑުފުނޑުވާ މަންޒަރާއި ކުޑަކުދީންނާއި މުސްކުޅިންވެސް މަރުވާ މަންޒަރު އެބަފެނެއެވެ. އެކަން އެހެން އެބަހިނގަޔޭ ބުނެ ޔުކްރޭނުން ފަތުރަނީ މުޅިއަކުން ދޮގު ވާހަކަތަކެއްވެސް ނޫނެވެ. އެއީ ދޭތެރެ އަވަސްކޮށް ހިނގަމުން އަންނަ ކަމެކެވެ. އެހެންވީމާ މިގޮތަށް މިކަން މެދުވެރިވަނީ ކީއްވެގެންކަން ދެނެގަތުމަށް ތަޖުރިބާކާރުން ދިރާސާތަކެއް އެބަކުރެއެވެ. ސެޓެލައިޓުގެ މިޒަމާނުގައި މިސައިލްތަލާއި ބޮންތައް އެހާބޮޑަށް އަމާޒުން ކަސިޔާރުވާ ސަބަބުތައް ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިހާތަނަށް އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބުރަވެ ތިބެގެން ހުޅަނގާއި އިރުމަތީގެ ތަޖުރިބާކާރުންނަށް ގަބޫލުކުރެވިފައިވަނީ މިހަނގުރާމައިގައި ރަޝިޔާއިން ބޭނުންކުރަމުންދަނީ މުޅިއަކުން ޒަމާނީ ހަތިޔާރު ނޫންކަމެވެ. ފަންސާސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައު މިސައިލްވެސް ބޭނުން އެބަކުރާކަމެވެ. އޭގެ މާނަޔަކީ ރަޝިޔާގައި އެންމެ ޒަމާނީ ހަތިޔާރު ނެތުމެއް ނޫނެވެ. އެފަދަ ހަތިޔާރު ނުއުފެއްދުމެއްވެސް ނޫނެވެ. އުފައްދާނެ ގޮތް ނޭނގުމެއްވެސް ނޫނެވެ. މައްސަލައަކީ އެތައް ޒަމާނެއްވެފައިވާ ބައު ހަތިޔާރުގެ ސްޓޮކްވެސް ރަޝިޔާގައި ފުނިޖެހިފައި ހުރުމެވެ. އެހެންވީމާ މިހަނގުރާމައިގައި އެޒާތުގެ ތަކެތި ވީހާވެސް ގިނައިން ބޭނުންކޮށް މުސްކުޅި ބައު ހަތިޔާރު ހުސްކޮށް ގުދަންތައް ސާފުކޮށްލުމަކީ ރަޝިޔާގެ ވިސްނުމެކެވެ.

ޖާސޫސީ މައުލޫމާތާއި އެނޫންވެސް މައުލޫމާތުން އެނގޭ ގޮތުގައި ރަޝިޔާއިން ބޭނުންކުރަމުންދާ ހަތިޔާރުގެ ގާތްގަޑަކަށް ފަންސާސް އިންސައްތަޔަކީ ދުވަސްވެ ބައުވެފައިވާ ހަތިޔާރެވެ. އެއީ އަމިއްލަޔަށް އަމާޒަށް ވާސިލްވުމުގައި މާބޮޑު ކެރިކުޅަދާނަކަމެއް ލިބިފައިވާ ތަކެއްޗެއް ނޫނެވެ. މިފަދަ އެއް ހަތިޔާރަކީ 1960ގެ އަހަރުތަކުގައި އުފައްދާފައިވާ މޮޑެލްތަކުގެ މިސައިލެވެ. މިއީ ހުޅަނގުގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާ ދެކޮޅަށް ބޭނުން ކުރުމަށްޓަކައި ނިއުކުލިއަރބޯ ވެސް ހަރުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މިސައިލެކެވެ. އެއްގަމުގައިވާ އަމާޒުތަކަށް ހަމަލާދިނުމުގައި މީގެ ބޭނުން މިހާރު ހިފަމުންދާއިރު އަމާޒުން ކަސިޔާރުވުން ވަރަށް ގިނައެވެ. އަދި މިޒަމާނުގެ ޓެކްކޮނޮލޮޖީއާ ފައިހަމަވުންވެސް ވަރަށް ކުޑައެވެ.

ޓެކްނޮލޮޖީއަކީ އަބަދުވެސް ޒަމާނީވަމުން ބަދަލުވަމުންދާ އެއްޗެކެވެ. ކުރިން އުފައްދާފައިވާ ކޮންމެ ކޮންމެ ހަތިޔާރަކަށް ބަދަލުވަމުންދާ ޓެކްނޮލޮޖީގެ އެހީގައި މާބޮޑު އިސްލާހުތަކެއް ނުގެނެވެއެވެ. މިސާލަކަށް ކުރީ ޒަމާނުގެ މިސައިލްތަކުގެ ސްޕީޑާއި ޕޭލޯޑާއި ނެވިގޭޝަން ސިސްޓަމަށް މާބޮޑު ބަދަލުތަކެއް ނުގެނެވެއެވެ. މިޒާތުގެ ބައު ހަތިޔާރު ނައްތައިލުމަކީވެސް ޚަރަދެކެވެ. ނައްތައިލުމަށްވުރެ ގުދަނުގައި ބެހެއްޓުންވެސް ބޮލަށް ފަސޭހައެވެ. ހަތިޔާރުގެ ގޮތުގައި ނުވަތަ ބައުދަގަނޑުގެ ގޮތުގައި ވިއްކައިލެވޭކަށްނެތެވެ. ގަންނާނެ ބަޔަކުވެސް ނެތެވެ. މިބުރަ ބޮލުގައި އަޅައިގެން ތިއްބައި ހަނގުރާމައެއްގެ ހާލަތު އައިމާ އެކަންވެގެންދިޔައީ ބައު ސްޓޮކް ހުސްކޮށްލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. މިހާރު ފެންނަމުންދަނީ އެ މަންޒަރެވެ. އެކަމަކު މިއީ ރަޝިޔާއިން އެއްބަސްވާ ހަގީގަތެއް ނޫނެވެ.

ކޮންމެ ހަނގުރާމަޔަކީވެސް ދުނިޔެއަށް ފިލާވަޅެކެވެ. ފިލާވަޅުތަކެކެވެ. އެކި މީހުން މިފިލާވަޅު ލިބިގަންނަނީ އެކި ރޮނގުރޮނގުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ދެނެގަންނާނީ މިވެނި ވައްތަރެއްގެ ހަތިޔާރު އެހާގިނައިން ފޭލްވީ ކީއްވެގެންތޯޔާއި މިވެނި ވައްތަރެއްގެ ހަތިޔާރަށް ރައްދުދޭން އެންމެ މޮޅުވާނީ ކޮންކަހަލަ ޓެކްނޮލޮޖީއެއްތޯއެވެ. ހަނގުރާމައިގެ މައިދާނަކީ ކަންކަމުގެ އަޖުމަބެލުމާއި ދިރާސާތައް ކުރުމުގެވެސް މައިދާނެކެވެ. އެގޮތުން ޔުކްރޭނުގެ ހަނގުރާމައަކީ ޗައިނާއާއި އެމެރިކާއާއި އިންޑިޔާފަދަ އަސްކަރީ ބޮޑެތި ބާރުތަކުންވެސް ދުރުމީއަޅައި ނިކަންބޮޑަށް ބަލައި ދިރާސާކުރަމުންދާ ހަނގުރާމަައެކެވެ. ކުރިމަގުގެ އުކުޅުތަކާއި އައު ޓެކްނޮލޮޖީއަށް އިންވެސްޓްކުރުންފަދަ ކަންކަން ސިކުނޑީގައި ބަހައްޓައިގެންނެވެ.