ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު އެމްއެންޑީއެފްއިން ޕެރޭޑް ބާއްވައިފިއެވެ.

މިނިވަން ދުވަހުގެ ޝަރަފުގައި މިއަދު ބޭއްވި ޕެރޭޑު ފަށާފައިވަނީ ޖުމްހޫރީ މައިދާނުންނެވެ. ޕެރޭޑް ނިންމާލީ ކަޅުތުއްކޮލާ ކޮށިންނެވެ.

ޕެރޭޑް ފެށުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަރަކާތް ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އިސްތިގުބާލު ކުރެއްވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.

ޕެރޭޑު ފެށުމުގެ ގޮތުން ސިފައިން ވަނީ ރައީސް ސޯލިހަށް ރިޔާސީ ކުރުނީހެއް އަރުވައިފައެވެ. އަދި އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ.

އަސްކަރީ ޕެރޭޑް ބަލަން މާލޭގެ މަގުތަކަށް އާންމުންގެ ގިނަ ބަޔަކާއި ކުޑަކުދިން މިއަދު އެއްވެ ތިއްބެވެ.