ޚަބަރު

މިދިޔަ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވީ 394 މީހުން

މުހައްމަދު އިޝާން

މިދިއަ ހަފުތާގައި 394 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާ ތެރޭގައި 394 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 56 މީހުންނެވެ.

އެގޮތުން މިދިޔަ ހަފުތާގައި މާލޭ ސަރަހައްދުން 69 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރެއިން 236 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުންނާއި ރިސޯޓުތަކުން 89 މީހަކަށް މިބަލި ޖެހިފައިވެއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 184،302 އެވެ. އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ 307 އެވެ.