ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ދޫކޮށްލި މައްސަލަ ދައުލަތުން މިއަދު ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 21 ވަނަ ދުވަހުއެވެ.

ފަޒްލޫން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވަނީ މިއަދުއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 21 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫންއާއެކު ހަރަކާތުގައި އިސްކޮށް ހުންނެވި ޝައިހް އާދަމް ނިޝާންވެސް ހިމެނެއެވެ. އަދި ފަޒްލޫން އާއި ނިޝާންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ވަނީ ހިފަހައްޓައިފައެވެ.