މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ދެފަރާތް އެއްބަސްވެ، މާޒިޔާ ކޯޗު ޖެސިކްގެ އެއްބަސްވުން ނިމުމަކަށް ގެނެސްފި

މި ސީޒަނުގެ ލީގަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުކަމާ ހަވާލި ތަޖުރިބާކާރު ކޯޗު މިއޮޑްރޭގް ޖެސިކާއެކު ކްލަބުން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.

މާޒިޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެފަރާތް އެއްބަސްވެ، ކޯޗުކަމުގައި ހުރި ޖެސިކާއި ފިޓްނަސް ކޯޗަކަށް ހުރި ގޯރާން ގުޒިޖާންއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ. ލީގުގައި ބާކީ އަދި ދެ މެޗު އޮތް އިރު، އެ ކްލަބަށް ދެން އިރުޝާދު ދޭނެ ކަމަށް ބެލެވެނީ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރެވެ.

ޖެސިކަކީ އޭޝިއާ އާއި އެފްރިކާގެ އިތުރުން ޔޫރަޕް ގައުމުތަކުގެ އެންމެ މަތީ ފަންތީގައިވެސް ކާމިޔާބީތައް ހޯދައިފައިވާ ތަޖުރިބާކާރު ކޯޗެވެ. އުމުރުން 63 އަހަރު ޖެސިކް މާޒިޔާއާ ހަވާލުވީ އެޓީމާއެކު ސީޒަން ފެށި މުހައްމަދު ޝިޔާޒް (މޯހަން)، ޕްރެސިޑެންޓްސް ކަޕް ފައިނަލަށްފަހު އެ ޓީމުގެ ކޯޗުކަމުން ވަކިކުރުމުންނެވެ. މޯހަންއާއެކު މާޒިޔާއިން ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުން އެޓީމު ބަލިވީ ކްލަބު ވެލެންސިއާ އަތުންނެވެ.

ސާބިއާގެ ޓީމުތަކުގެ އިތުރުން އަރަބި ކްލަބުތަކުގައިވެސް ޖެސިކް ކާމިޔާބީތައް ހޯދާފައިވާ އިރު، އޭނާ މާޒިޔާއިން ދަނީވެސް ކްލަބަށް ލީގު ކާމިޔާބު ކޮށްދިނުމަށްފަހުއެވެ. މާޒިޔާއިން މިދިޔަ ހަފުތާގައި ކުޅުނު މެޗުން މޮޅުވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައި ވަނީ ބާކީ ދެ މެޗު އޮއްވައެވެ.

ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ފެނިގެން ގޮސްފައި ވަނީ އެޓޭކިން ޓީމެއްގެ ގޮތުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 19 މެޗުން މާޒިޔާ ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެ 19 މެޗުގައި މާޒިޔާއިން 76 ގޯލު ޖެހި އިރު، ކޮޅަށް ވަދެފައި ވަނީ އެންމެ ފަސް ގޯލެވެ. ހަ މަސް ވަންދެން ޖެސިކް މާޒިޔާއަށް އިރުޝާދު ދީފައިވާ އިރު، އެ ކްލަބުން ބުނެފައި ވަނީ ކްލަބަށް އައި ހެޔޮ ބަދަލުތައް މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

ޖެސިކް ކޮށްފައިވާ ބުރަ މަސައްކަތަށް މާޒިޔާގެ ޗެއާމަންގެ އިތުރުން ކްލަބުގެ ބޯޑުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ޖެސިކް ދެން ފެންނާނީ ސައުދީގެ ކްލަބެއް ކަމަށްވާ ޝޯލާ އެފްސީންނެވެ. ޝޯލާއަކީ ސައުދީ ފުރަތަމަ ޑިވިޝަނުގެ ކްލަބެކެވެ. އެ ކްލަބުން މިހާރު ވަނީ ޖެސިކް ޓީމާ ގުޅުނުކަން އިއުލާންވެސް ކޮށްފައެވެ.

ޖެސިކާއެކު މާޒިޔާއިން ހަމަޖެހިލައިގެން ލީގު ކާމިޔާބު ކުރި ނަމަވެސް، މިފަހަރުވެސް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ އެދެވޭ ނަތީޖާއަށް އެޓީމަށް ނެރެވިފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް އެފްއޭ ކަޕަށް ބިދޭސީ ކޯޗެއް ނުގެނެސް މާޒިޔާއިން ނުކުންނަ ނަމަވެސް، އޭގެ ފަހުން އަންނަ ސީޒަނަށް އަނެއްކާވެސް ބިދޭސީ ކޯޗަކު ގެނައުން އެކަށީގެންވެއެވެ. އެއީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ރަނގަޅަށް ތައްޔާރުވުމަށެވެ.