ޚަބަރު

ސްޓެލްކޯއިން އަޅާ ފްލެޓުތަކުގެ ބޮޑުބައެއް ލިބޭނީ ވިލިމާލޭ ރައްޔިތުންނަށް: ނަހުލާ

މުހައްމަދު އިޝާން

ސްޓެލްކޯއިން ވިލިމާލޭގައި އިމާރަތްކުރަން ނިންމާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ބޮޑުބައެއް ހާއްސަކުރާނީ ވިލިމާލޭ ރައްޔިތުންނަށް ކަމަށް އެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލު ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ރޭ ބޭއްވި ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިފަހަރު ހައުސިން އަޅުގަނޑުމެން އަމާޒުކުރާނީ ވިލިނގިއްޔަށް. ވިލިނގިލީގައި ހައުސިން ޕްރޮޖެކްޓެއް ފެއްޓޭތޯ މަސައްކަތް ކުރަމުން މިދަނީ. ހަމަ އަޅުގަނޑުމެންގެ ސްޓާފުންނަށް," ޝަރީފު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ނަހުލާ މިއަދު ވިދާޅުވީ، ސްޓެލްކޯގެ އެ ހައުސިން މަޝްރޫއަކީ މާލޭ ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ 500 ހައުސިން ޔުނިޓްގެ މަޝްރޫއު ކަމަށެވެ.

ނަހުލާ ވިދާޅުވީ އެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރަން ކައުންސިލްގެ ފަރާތުން އަދި ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އޭނާ އާއި ކައުންސިލްގެ ކޮންސަލްޓަންޓަކު އެކި ފަހަރުމަތިން ޝަރީފާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު އެ މަޝްރޫއު އޮތީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި ކަމަށެވެ.

"ވިލިމާލޭގައި ހައުސިން ޔުނިޓްތަކެއް ގާއިމުކުރެވި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް އައުން އެއީ ދާއިރާއަށް ލިބިގެންދާނެ އެދެވޭ ކުރިއެރުމެއް. 500 ފްލެޓްގެ ތެރެއިން ބޮޑުބައެއް ހާއްސަ ކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް،" ނަހުލާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިލިމާލޭގައި ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރަން ނިންމުމުން ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމާ ގުޅިގެން މިއަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލެއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ބިން ކުޑަ ރަށެއް ކަމަށެވެ. އަދި ވިލިމާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ނުދީ ސަރުކާރު ކުންފުނިތައް އެފަދަ މަޝްރޫއުތައް ހިންގިގެން ނުވާނެ ކަމަށެވެ. އަދި އެކަމަށް އެރަށުގެ ރައްޔިތުންވެސް ތާއީދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.