ޚަބަރު

ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތް މައްސަލަ އޭސީސީއަށް

މުހައްމަދު އިޝާން

ރ. އަތޮޅު ދުވާފަރު ކައުންސިލްގެ މެންބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަން ހަސަން މަނިކު މިއަދު "ވަން" އަށް ވިދާޅުވީ، ދުވާފަރު ކައުންސިލާ ގުޅޭ ކޮޕަރްޝަންގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އޭސީސީން މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރުމާ މެދު ގޮތެއް ނިންމާނީ ދިރާސާ ކުރުމަށްފަހު ކަމަށެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކުރި މޮނީޓަރިން ރިޕޯޓުގައިވާ ގޮތުގައި، ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވާއިދާއި ސިވިލް ސާވިސް ގަވާއިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައެވެ.

އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށާއި ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓަމުން ނުގެންދާކަން ވަނީ ފާހަގަކޮށްފައެވެ.

އެލްޖީއޭގެ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕާސަނަލް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި ޑަބްލިޔުޑީސީ މެންބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ކައުންސިލްގެ މާލިއްޔަތުން އަމިއްލަ ފަރުދުންނަށް އިން-ކައިންޑްގެ ގޮތުގައި ފައިސާ އާއި ތަކެތި ދިނުމާއި ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

އެރިޕޯޓުގައި އެލްޖީއޭ އިން ވަނީ 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ލަފާދީފައެވެ. އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތި ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ކައުންސިލާއި ޑަބްލިއުޑީސީ އަދި ކައުންސިލްގެ ބައެއް މެމްބަރުންނަށް ދިނުން ހިމެނެއެވެ.

ރިޕޯޓުގައިވާ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ޖުމުލަ 711،617 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837 ރުފިޔާ އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048 ރުފިޔާ ލިބިފައިވާއިރު، ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666 ރުފިޔާ އާއި ކައުންސިލް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހަށް 165،200 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އެކައުންޓަށް 128،697.47 ރުފިޔާ ޖަމާކޮށްފައިވާއިރު އާމިނަތު ސަލާހްގެ އެކައުންޓަށް 119،535.99 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ވަނީ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.

މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވާއިރު، އެ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެމްބަރު ޒުހުދާ އާދަމް ކަމަށާއި ނަމަވެސް ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

އަދި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެފައިދާއާ ބެހޭ ލިޔެކިޔުމެއްވެސް ނެތް ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި ކައުންސިލްގެ ބައެއް އެހެން އިދާރީ މުވައްޒަފުންނަށްވެސް ވަނީ ރެކޯޑުން ބޭރުން އެކި އަދަދު ތަކުން ފައިސާ ޖަމާކޮށްފައެވެ.