އައްޑޫ ހިތަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑިސީ) އަށް މެމްބަރަކު ހޮވަން އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި 12،099 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެތެރެއިން ވޯޓުލީ 1009 މީހުން ކަމަށާއި އެކަމަށްޓަކައި އެތައް ލައްކަ ރުފިޔާއެއް ހަރަދު ކުރުމަކީ ބޮޑު އިސްރާފެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ހިތަދޫ ބައި އިލެކްޝަނާ ގުޅިގެން، އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި އެ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ އެއީ އަވަސް ހައްލެއް ގެންނަން ޖެހޭ ކަމެއް ކަމަށެވެ.

އެ ޓްވީޓާއެކު ހަބީބު ވަނީ އެ އިންތިހާބުގެ ވޯޓުލާ މަރުކަޒު ހުހަށް އޮތް ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ. މިއީ ކޮންމެ އިންތިހާބެއްގެ ވެސް ހާލަތު ކަމަށް ސިފަކުރައްވައި އޭނާ ވިދާޅުވީ އެ އިންތިހާބުތައް އީސީގެ ބަޖެޓަށް ވަރަށް ބޮޑު ބުރައަކަށް ވެފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ، އައްޑޫގެ ބައި އިލެކްޝަނުގެ ޓާންއައުޓް 8.34 ޕަސެންޓުގައި ހުރި ނަމަވެސް އެ އިންތިހާބު ބޭއްވުމަށް ޖުމްލަ 800،000 ރުފިޔާ ހޭދަވި ކަމަށެވެ.

ޑަބްލިއުޑީސީތަކުގެ ބައި އިލެކްޝަންތައް އަބަދު ބާއްވަން ޖެހުމާއި އެ އިންތިހާބުތަކަށް ބޮޑު ހަރަދެއް ކުރަން ޖެހުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީގެ ސަމާލުކަމަށްވެސް މީގެ ކުރިން އީސީން ވަނީ ގެނެސްފައެވެ.

އެ ކަންބޮޑުވުންތައް މަޖިލީހާ ހިއްސާ ކުރައްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ، މަހެއްގެ މައްޗަށް ތިނެއް ނުވަތަ ހަތަރު މަގާމު ޑަބްލިޔުޑީސީތަކުން ހުސްވާ ކަމަށާއި އެކަމާ ގުޅިގެން ބާއްވާ ކޮންމެ ބައި އިލެކްޝަނަކަށް ދޮޅު ލައްކަ ރުފިޔާ ހަރަދުވާ ކަމަށެވެ.

އެކަމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވެ ފިނޭންސް މިނިސްޓަރާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އެ މަޝްވަރާގައި އީސީގެ އިދާރީ ކަންތައްތަކަށް ބޭނުންކުރަން ހުރި ފައިސާ ބައި އިލެކްޝަންތަކަށް ހަރަދުކުރުމަށް ލަފާދީފައިވާ ކަމަށާއި ނަމަވެސް އެގޮތަށް ކަންތައް ކުރިއަށް ގެންދާނަމަ އަންނަ ޖުލައި މަހު ނުވަތަ އޯގަސްޓް މަހުގެ ތެރޭގައި އީސީގެ މުޅި ބަޖެޓު ހުސްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ޑަބްލިއުޑީސީތަކުގެ އިންތިހާބު ބާއްވަން ޖެހުމުން، އީސީގެ މަސައްކަތްތައް ތިން ގުނައަށް އިތުރުވެފައިވާ ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން މިދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އެ ކޮމިޝަންގެ މުވައްޒަފުންގެ އަދަދަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އަދި ބައި އިލެކްޝަންތަކުގެ މަސައްކަތާ ހެދި އީސީގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ނުކުރެވޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އެގޮތުން 2008 ވަނަ އަހަރު އީސީގައި ތިބީ ސާޅީހަކަށް މުވައްޒަފުން، މިހާރު ތިބީ ފަންސާހަކަށް މުވައްޒަފުން،" ކަމަށް ވިދާޅުވިއެވެ.

ޑަބްލިއުޑީސީ އިންތިހާބުތަކުގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި މި ގޮތަށްދާ ނަމަ، އަންނަ އޯގަސްޓް މަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުޅި ބަޖެޓް ހުސްވާނެ ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.