ސްރީލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހާ ވަނީ ހުކުރުދުވަހު އެގައުމުގެ ބޮޑުވަޒީރު ކަމަށް އުމުރުފުޅުން 73 އަހަރުވީ ދިނޭޝް ގުނަވަރުދަނާ އައްޔަން ކުރައްވައިފައެވެ. ގުނަވަރުދަނާއަކީ ސްރީލަންކާގެ ސިޔާސީ މައިދާނުގައި ދުވަސްވީ ތަޖުރިބާކާރެކެވެ. ޚާރިޖީވަޒީރުކަމާއި ތައުލީމީވަޒީރުކަމާއި ދާޚިލީވަޒީރުކަންވެސް ކުރައްވައިފައިވެއެވެ. އެންމެފަހުން ހުންނެވީ ދާޚިލީވަޒީރު ކަމުގައެވެ. ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ ދައުރުގައި އޭނާ ދާޚިލީވަޒީރު ކަމަށް އައްޔަން ކުރެއްވީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ގުނަވަރުދަނާ ނިސްބަތްވަނީ ގާނޫނުހަދާ މަޖިލީހުގެ އެންމެ ބޮޑު ޕާޓީކަމަށްވާ އެސްްއެލްޕީޕީއަށެވެ. ތަފާތު ދެ ޕާޓީއަކަށް ނިސްބަތްވިޔަސް ރަނިލް އާއި ގުނަވަރުދަނާއަކީ ކުޑައިރުއްސުރެ ވަރަށްވެސް ގާތް ރަހުމަތްތެރިންނެވެ.

ގުނަވަރުދަނާގެ މުޅި އާއިލާއަކީވެސް ސިޔާސީ އާއިލާއެކެވެ. މިއީ ރާޖަޕަކްސާއިންގެ ބައިވެރިއެއްކަމުގައި ހިމެނޭ އާއިލާއެކެވެ. ގުނަވަރުދަނާގެ ބައްޕާފުޅު ފިލިޕް ގުނަވަރުދަނާއަކީ ސްރީލަންކާއަށް އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުމުގެ ކުރިން ފެށިގެން ސިޔާސީ މައިދާނުން ފެންނަ މޫނެކެވެ. ގުނަވަރުދަނާގެ ބޭބޭފުޅު އިންދިކާއަކީވެސް ސްރީލަންކާގެ ސިޔާސީ މައިދާނުން ފާހަގަކޮށްލެވުނު ބޭފުޅެކެވެ. ވަޒީރުކަންވެސް ކުރައްވާފައިވެއެވެ. މި އާއިލާ ނިސްބަތްވަނީ ވާތުފިޔައިގެ ސިޔާސީ ހަރަކާތަކަށެވެ. އިނގިރޭސިންގެ ދުވަސްވަރު މި އާއިލާ ގައުމުދޫކޮށް އިންޑިޔާގެ ބޮމްބޭގައިވެސް އަހަރުތަކެއް ހޭދަކުރިއެވެ. އިންދިކާ އުފަންވީ އެދުވަސްވަރު ބޮމްބޭގައެވެ. ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ޕާޓީގެ ޒައާމަތާ ގުނަވަރުދަނާ ހަވާލުވެވަޑައިގެންނެވީ 1979 ގައެވެ.

ދިނޭޝް ގުނަވަރުދަނާ އެންމެ ފުރަތަމަ ކިޔަވައިވިދާޅުވީ ވެރިރަށް ކޮލަމްބޯގައެވެ. އެއަށްފަހު ހޮލެންޑާއި އެމެރިކާގައެވެ. ޚާއްސަވެވަޑައިގަތީ އިންޓަރނޭޝަނަލް ބިޒިނަސްގެ ރޮނގުންނެވެ. ގާނޫނު ހަދާ މަޖިލީހަށް ގުނަވަރުދަނާ އެންމެ ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވީ 1983 ގައެވެ. އެހިސާބުން ފެށިގެން 1994 ވަނަ އަހަރާ ހަމަޔަށް އެއީ އިދިކޮޅުގެ އެންމެ މުހިއްމު އެއް ލީޑަރެވެ. އެންމެ ފުރަތަމަ ވަޒީރުންގެ މަޖިލީހަށް ވަޑައިގެންނެވީ 2000 ވަނަ އަހަރުގައެވެ. އޭގެފަހުން 2015 ވަނަ އަހަރާ ހަމަޔަށް މެދުނުކެނޑި ކެބިނެޓުގެ ސީނިއަރ އެކި ޕޯޓްފޯލިއޯތައް ފުރުއްވިއެވެ. ރައީސް މައިތިރިޕާލާ ސިރިސޭނާގެ ވެރިކަމުގައި ކެބިނެޓުން ބޭރުގައި ގާތްގަޑަކަށް ފަސް އަހަރު ހުންނެވުމަށްފަހު އަލުން ކެބިނެޓަށް ވަޑައިގެންނެވީ 2020 ގައެވެ.

ބޮޑުވަޒީރުގެ ގޮތުގައި ގުނަވަރުދަނާގެ ކުރިފުޅުމަތީގައި އޮތީ އަމާން ފަހި ރާސްތާއެއް ނޫނެވެ. ކުރިފުޅުމަތީގައި އޮތީ ސިޔާސީ ކަށިކުނބުރު ޖަންގައްޔެކެވެ. އަބަދުވެސް ރާޖަޕަކްސާއިންގެ މިތުރަކަށްވާތީ އާއްމުންގެ ނުރުހުން ކިތަންމެ ބޮޑަކަށްވެސް ގުނަވަރުދަނާއަށް އަމާޒުވެފައިވެއެވެ. އަނެއްކޮޅުން ރައީސް ރަނިލް ވިކްރަމަސިންހާގެ ޒަމާންވީ ރަހުމަތްތެރިޔަކަށް ވުމަކީވެސް ގުނަވަރުދަނާޔާ ރައްޔިތުން ނުރުހެން މެދުވެރިވެފައިވާ އިތުރު ސަބަބެކެވެ. ރައްޔިތުންގެ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ސްރީލަންކާ މިއަދު އިގްތިސާދީގޮތުން އެހާ ފުންވަޅުގަނޑަކަށް ވެއްޓުމުގެ ސިއްރަކީ ރާޖަޕަކްސާއިންނެވެ. ގޮޓާބަޔާ ރާޖަޕަކްސާ އާއި މަހިންދަ ރާޖަޕަކްސާއެވެ. އެހެންވީމާ މި އަނދަވަޅުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ރާޖަޕަކްސާއިންގެ ވަފާތެރިން ބައިވެރިކޮށްގެން ނުވާނެއެވެ.

އައު ރައީސް ރަނިލް ވިކްރަމަސިންހާ މަގާމުގެ ހުވައިކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ބޮޑުވަޒީރަކަށް ދިނޭޝް ގުނަވަރުދަނާ އައްޔަންކުރެއްވުމާއެކު އިތުރު 17 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކެބިނެޓެއްވެސް ވަނީ އެކުލަވައިލައްވައިފައެވެ. ގޮޓާބަޔާގެ ދައުރުގެ އެންމެފަހު ބައިގައި މާލީވަޒީރުކަން ކުރެއްވި އަލީ ސަބްރީއަކީ އައު ސަރުކާރުގެ އައު ޚާރިޖީވަޒީރެވެ. ބޮޑުވަޒީރު ކަމުގެ އިތުރަށް ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ހޯމް އެފެއަރޒް، އަދި ޕްރޮވިންޝަލް ކައުންސިލްތަކާއި ލޯކަލް ގަވަރމަންޓްގެ ޕޯޓްފޯލިއޯ އޮތީވެސް ގުނަވަރުދަނާއަށެވެ. އެހެންވީމާ ދާޚިލީ ހަމަޖެހުން އަލުން ގާއިމުކުރުމުގެ ޒިންމާތަކުގެ ބޮޑުބައި އެޅެނީ ގުނަވަރުދަނާގެ އިސްތަށިފުޅުގައެވެ. މާލީ ވުޒާރާ ހިންގެވުން އޮތީ ސީދާ ރައީސް ރަނިލްގެ ބެއްލެވުމުގެ ދަށުގައެވެ.

ދާޚިލީވުޒާރާޔާއި ލޯކަލް ގަވަމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ބައި ސީދާ ގުނަވަރުދަނާގެ ބެއްލެވުމުގެ ދަށުގައި އޮތުމުގެ މާނަޔަކީ މުޒާހަރާތަކަށް ދޫދިނުމާއި ފަހަތަށް ޖެހުމުގެ ވިސްނުމެއް އައު ސަރުކާރުން ނުގެންގުޅޭނެކަން ހާމަކުރުމެކެވެ. އައު ބޮޑުވަޒީރަކަށް ގުނަވަރުދަނާ އައްޔަން ކުރުމުގެ މާނަޔަކީ ރާޖަޕަކްސާއިން ހައްޔަރުކޮށް އެމީހުންގެ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ފިކުރު ނުގެންގުޅޭނެކަން އެންގުމެވެ. މާލީވުޒާރާ ސީދާ ރަނިލްގެ ބެއްލެވުމުގެ ދަށުގައި ބޭއްވުމުގެ މާނަޔަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ބައިނަލްއަގުވާމީ އެނޫންވެސް މާލީ އިދާރާތަކާއެކު ހިންގޭ މުއާމަލާތު ރަނިލް ބޭނުންފުޅުވާ ގޮތަށް ނޫންގޮތަކަށް ނުގެންދާނެކަން ހާމަކުރުމެކެވެ. ކޮންމެއަކަސް މިކަންކަން ބަލައިގަންނަން ރައްޔިތުން ބޭނުމެއް ނުވެއެވެ. އެކަން ވަރަށް ސާފެވެ.