ދިވެހި ޕްރިމިއާ ލީގު

މާޒިޔާއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކައިރީ 1-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދުގެ މެޗުން މާޒިޔާ މޮޅުކޮށްދިން ގޯލު ޖެހީ އެ ޓީމަށް މޮޅު ކުޅުމެއް މި ސީޒަނުގައި ދައްކަމުންދާ ސްޕެއިންގެ ޓަނާ ޑޮމިނިގޭޒްއެވެ. މާޒިޔާއިން ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކްގެ ކޯޗު ކަމުގައި މިފަހަރުގެ ލީގު ކާމިޔާބުކުރީ ބާކީ ދެ މެޗު އޮއްވައެވެ. މާޒިޔާ މިވަގުތު ޗެމްޕިއަނުންގެ ގޮތުގައި އެއްވަނައިގައި އޮތީ 19 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އީގަލްސް އޮތީ 19 މެޗުން 46 ޕޮއިންޓާ އެކުގައެވެ. މާޒިޔާއަަށް ބާކީ އޮތީ ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސްއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

މާޒިޔާއިން ރާއްޖޭގެ ލީގު ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗުކަމުގައެވެ. އޭގެ ފަހުން 2019-2020 ވަނަ އަހަރު މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ މާޒިޔާއަށް ރާއްޖޭގެ ލީގު ތަށި ހޯދައިދީފައެވެ. ކޮވިޑް-19ގެ ސަބަބުން ލީގުގެ ކުޅުން ހުއްޓާލުމާއެކު މާޒިޔާއިން މިދިޔަ ފަހަރު، 2020-2021 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދީ ދެ ބުރު ކުޅެގެންނެވެ.

ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ދަ ގްރާންޑޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމަށް މި ސީޒަނުގައި މިހާތަނަށް ކުޅުނު 26 މެޗުން މޮޅެއް ނުލިބެއެވެ. އެއީ ލީގުގެ 19 މެޗާއި ޕްރެޒިޑެންޓްސް ކަޕްގެ ހަތް މެޗެވެ. ލީގުގެ ފުލުގައި ނިންމަން ޖެހޭނެކަން ދަ ގްރާންޑޭ އަށް ކަށަވަރުވެފައިވާއިރު، އަންނަ ސީޒަނުގައި ލީގުގައި ދެމި އޮންނަން މި ފަހަރު އެ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެއެވެ. ރެލިގޭޝަނުގައި ކުޅެނީ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕްއެވެ.

މާޒިޔާއަށް މިފަހަރު ސީޒަންގެ ފުރަތަމަ މުބާރާތް، ޕްރެސިޑެންޓްސް ކަޕް ގެއްލުނީ ވެލެންސިއާ އަތުން ފައިނަލުގައި ބަލިވެގެންނެވެ. އެޓީމަށް ދެން ސީޒަނުގައި ބާކީ އޮންނާނީ އެފްއޭ ކަޕެވެ. އެ މުބާރާތް ކާމިޔާބުކޮށް ޑޮމެސްޓިކް ދެ ތަށި ހޯދުމަށް ފުރުސަތު އެބައޮތެވެ.