ބުނާ ބަހަކުން އަޅާ ފާފަވެރިވެ, ނަރަކައަށް ވަންނަންޖެހޭ ފަދައިން މަސްބަގު ރިވެތި ކުރުމަކީ ސުވަރުގެ ލިބުން ހައްގުވާ މަތިވެރި އަމަލެއްކަން ހަދީޡުން އެނގޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހެޔޮބަސް ބުނުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޖުތަމައަށް އޭގެ ހެޔޮ އަސަރުކުރާލެއް ބޮޑުކަމުން ހެޔޮ ބަހަކީ ސަދަގާތެއް ކަމަށާއި ހެޔޮ ބަސް ބުނެ އުޅުމަކީ މާތް اللهގެ ހަޟްރަތަށް އޭނާގެ މެސެޖުތައް ގެންގޮސްދޭ ސަފީރެއް ކަމަށެވެ. އަދި ހެޔޮ ބަހެއް މެނުވީ މާތް اللهގެ ހަޟްރަތަކަށް ނުފޯރާނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ނުބައި ބަސްތަކުގައި ހަރުދަނާ ކަމެއް ނުހުންނާނެ ކަމަށާއި އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދި, މީހުންނަށް މަގު އޮޅި, އެކަކު އަނެކަކާ ޖެހި, މޫނުކެނޑި, މީހުން މަގުފުރެދި, ހައްގުގެ މަގަށް ހުރަސް އެޅޭނެ ކަމަށް ބުންޏެވެ.
އަދި އެފަދަ ނޭދެވޭ އަމަލުތައް ފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށާއި ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި, ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް الله ނަހީކުރައްވާފައިވާ ކަމެއް ކަމަށް ބުންޏެވެ.
ހެޔޮ ބަހުން އެ ބަޔަކާ މުއާމަލާތު ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިންވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެމީހުންނާ މުހާތަބު ކުރާއިރު ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ.
އަދި ދެމަފިރިންވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަންޖެހޭނީ ރިވެތި ބަހުން, އޯގާވެރި ބަހުން ކަމަށާއި އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަދައްކައި އެކަކު އަނެކަކު ހިތުގައި ޖައްސައި, އެ ދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, މުސްލިމެއްގެ ހަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެނެއް ނުވާ ކަމަށާއި އޭނާގެ މުޅި ހަޔާތް ބިނާކުރަން ޖެހޭނީ ހެޔޮ ކަންތައް ކުރުމާއި ހެޔޮ ބަސްތައް ބުނުމުގެ މަތީގައި ކަމަށެވެ.
އަދި ހެޔޮ ބަހުގެ ސަބަބުން ސަފުތައް ސީދާވެ, މީސްތަކުން އެއްގަލަކަށް އަރާފައިވާ ކަމަށާއި އެކަމުން ހިތްތައް އެކުވެރިވެ, ހަތުރުވެރިން އެކުވެރިންނަށް ބަދަލުވެ, ދުރުމީހުން ގާތްމީހުންނަށްވެ, ދޭދޭ މީހުން މެދުގައި ހުރި ރުޅިވެރިކަން ފިލައި އިސްލާހުވެފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު