އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް މިހާރު ވާދަކުރައްވާ ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ އެގައުމުގެ ކުރީގެ މާލީވަޒީރު ރިޝީ ސުނަކެވެ. ބޮޑުވަޒީރު ބޮރިސް ޖޮންސަނުގެ އިސްތިއުފާޔާ ގުޅިގެން ބޮޑުވަޒީރުކަމާއި ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓީގެ ލީޑަރުކަމަށް ހަތަރު ފަސްބޭފުޅަކު ކުރިމަތި ލައްވައިގެން އެ ލިސްޓު މިހާރުވަނީ ދޭކަށް ތިރިވެފައެވެ. ބުދަދުވަހު ކޮންޒަރވެޓިވް ޕާޓީގެ އެތެރެއިން ނެގުނު ވޯޓަށްފަހު މިހާރު ރޭހުގައި ތިއްބެވީ ރިޝީ ސުނަކާއި ޚާރިޖީވަޒީރު ލިޒް ޓްރަހެވެ. މީގެ ތެރެއިން ކުރީގައި އުޅުއްވާކަމަށް ފެންނަނީ ރިޝީ ސުނަކެވެ. އުމުރުފުޅުން 42 ގެ ރިޝީ ސުނަކަކީ ހިންދޫއެކެވެ. އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާއަށް ކުރިހޯއްދެވިއްޖެނަމަ އެއީ އިނގިރޭސިވިލާތުގެ ފުރަތަމަ ހިންދޫ ބޮޑުވަޒީރެވެ. އިންޑިޔާ ދަރިކޮޅުގެ އިނގިރޭސި ފުރަތަމަ ބޮޑުވަޒީރެވެ.

ރިޝީ ސުނަކަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ އިނގިރޭސިވިލާތް ހިމެނޭނީ އިންޑިޔާ ދަރިކޮޅުގެ ބޭފުޅަކު ބޮޑުވަޒީރުކަން ކުރައްވާ ޔޫރަޕުގެ ދެވަނަ ގައުމު ކަމުގައެވެ. އަނެއް ގައުމަކީ ޕޯޗުގަލްއެވެ. ޕޯޗުގަލްގެ މިހާރުގެ ބޮޑުވަޒީރު އެންޓޯނިއޯ ކޯސްޓާއަކީވެސް އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. ޕޯޗުގަލްގެ އިތުރުން ދުނިޔޭގެ އެހެން ހަތަރު ގައުމެއްގައިވެސް އިންޑިޔާ ދަރިކޮޅުގެ ބޭފުޅުން ވެރިކަމުގައި އެބަތިއްބެވިއެވެ. އެއީ އިންޑިޔާއާއި ދެކުނު އޭޝިޔާގެ ގައުމުތައް ނުހިމަނައެވެ. ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ގަޔާނާގެ މިހާރުގެ ރައީސަކީ އިންޑިޔާ ދަރިކޮޅުގެ މުސްލިމެއް ކަމުގައިވާ މުހައްމަދު އިރުފާން އަލީއެވެ. ދެކުނު އެމެެރިކާގެ އެހެން ގައުމެއް ކަމަށްވާ ސުރިނަމްގެ މިހާރުގެ ރައީސަކީ އިންޑިޔާ ދަރިކޮޅުގެ ހިންދޫ ބޭފުޅެއްކަމުގައިވާ ޗާން ސަންތޯޚީއެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ ޖަޒީރާ ގައުމެއްކަމަށްވާ މޮރިޝަސްގެ ރައީސާއި ބޮޑުވަޒީރަކީވެސް މިވަގުތު އިންޑިޔާ ދަރިކޮޅުގެ ބޭފުޅުންނެވެ. ރައީސަކީ ޕްރިތިވީރާޖްސިންގ ރޫޕުންއެވެ. ބޮޑުވަޒީރަކީ ޕްރަވިންދު ޖަގަންނައުތެވެ. މޮރިޝަސްގައި އޭގެ ކުރިންވެސް އިންޑިޔާ ދަރިކޮޅުގެ އިތުރު ހަތް ބޭފުޅަކު ރައީސްކަން ކުރައްވައިފައިވެއެވެ. ސުރިނަމްގައި އިންޑިޔާ ދަރިކޮޅުގެ ފަސްބޭފުޅަކު ރައީސްކަން ކުރައްވާފައިވެއެވެ. ގަޔާނާގައި އެދަރިކޮޅުގެ ހަތަރު ބޭފުޅުން ރައީސްކަން ކުރައްވައިފިއެވެ. މިވަގުތު ސިންގަޕޫރުގައި އިންޑިޔާ ދަރިކޮޅަށް ނިސްބަތްވާ ރައީސަކު ނެތަސް އެދަރިކޮޅަށް ނިސްބަތްވާ ތިން ބޭފުޅަކު ވަނީ ރައީސްކަން ކުރައްވައިފައެވެ. އެއީ ދީވާން ނައްޔަރާއި އެސްއާރް ނަތަން އަދި ޖޭވައި ޕިއްލޭއެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ ޖަޒީރާ ގައުމެއް ކަމަށްވާ ސީޝެލްސްގެ ރައީސްކަމުގައި މިހާރުވެސް އެހުންނެވީ އިންޑިޔާގެ ބިހާރު ސްޓޭޓްގެ އާއިލާއަކަށް ނިސްބަތްވާ ވަވެލް ރާމްކަލަވަންއެވެ. އޭނާގެ ކާފަޔަކީ އިންޑިޔާގެ ބިހާރު ސްޓޭޓްގެ ހިޖުރަވެރިއެކެވެ. ސީޝެލްސްގެ ނާއިބުރައީސަކީ އިންޑިޔާގެ އަވަށްޓެރި ދިވެހިރާއްޖޭގެ އައްޑުއަތޮޅުގެ އާއިލާއަކަށް ނިސްބަތްވާ އަހުމަދު އަފީފެވެ. އެމެރިކާގެ އެންމެ މަތީ ވެރިޔަކީ ރައީސެވެ. ދެވަނަޔަށް އެންމެ އިސް ބޭފުޅަކީ ނާއިބުރައީސެވެ. މިވަގުތު އެމެރިކާގެ ނާއިބުރައީސަކަށް އެހުންނެވި ކަމަލާ ހެރިސްއަކީ އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. އެކަމަނާގެ ބައިކަނބަލުން ނިސްބަތްވަނީ އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓަށެވެ. އެކަމަކު ބަފައިކަލުންނަކީ ކެރީބިއަންގެ ގައުމެއް ކަމަށްވާ ޖެމެއިކާއަށް ނިސްބަތްވާ ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ އަވަށްޓެރި ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑުގެ ކުރީގެ ބޮޑުވަޒީރު ލިއޯ ވަރަދުކާރަކީވެސް އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާގެ ބަފައިކަލުން ނިސްބަތްވަނީ އިންޑިޔާގެ ބޮމްބޭއަށެވެ. އަޔަލެންޑުގެ ބޮޑުވަޒީރުކަމުން ވަރަދުކާރު ވަކިވެވަޑައިގެންނެވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ކެރީބިއަންގެ ގައުމެއް ކަމަށްވާ ޓްރިނީޑާޑް އެންޑް ޓޮބޭގޯގެ ކުރީގެ ބޮޑުވަޒީރު ކަމްލާ ސުޝައިލާ ޕްރަޝާދަކީވެސް އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. ކަމްލާއަކީ މިހާރުވެސް އެތާގެ ޔުނައިޓެޑް ނެޝަނަލް ކޮންގްރެސްގެ ލީޑަރެވެ. ގައުމުގެ އެންމެ ބޮޑު އިދިކޮޅު ލީޑަރެވެ. މަތީގައި ބަޔާން ކުރެވިފައިވާ ގައުމުތަކުގެ އިތުރުން ފިޖީގައިވެސް އިންޑިޔާ ދަރިކޮޅުގެ ބޭފުޅުން ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ ބޭފުޅަކީ މަހެންދުރަ ޗައުދަރީއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށްވާނީ ރިޝީ ސުނަކުތޯ ނުވަތަ ލިޒް ޓްރަސްތޯ ދެން ނިންމާނީ ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓީގެ އާންމު މެންބަރުންގެ ވޯޓަކުންނެވެ. އެކަމަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ. އެބޭފުޅަކު އެނގޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކޮންމެއަކަސް މިހާރު ހީވާ ހީވުންތަކުން ބޮޑަށް ބެލެވެނީ އެބޭފުޅަކަށްވާނީ ރިޝީ ސުނަކް ކަމުގައެވެ. އޭނާގެ މައިންބަފައިން ނިސްބަތްވަނީ އިންޑިޔާގެ ޕަންޖާބު ސްޓޭޓަށެވެ. އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްވެސް ނިސްބަތްވެވަޑައިގަންނަވަނީ ޕަންޖާބަށެވެ. 1947 ވަނަ އަހަރު ޕަންޖާބު ދެބައިވެފައި އޮތުމާއެކު ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފާއި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ނިސްބަތްވަނީ ޕާކިސްތާނުގެ ޕަންޖާބަށެވެ.