ޚަބަރު

އެލްސިއޯން ބޭކަރީގެ ބާނީ ހަސަން މަނިކު އަވަހާރަވެއްޖެ

1

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ބޭކަރީ، އެލްސިއޯން ބޭކަރީގެ ބާނީ މ. އެލްސިއޯން، "ދުނބުރި" ހަސަން މަނިކު އަވަހާރަވެއްޖެއެވެ.

ހަސަން މަނިކު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. ހަސަން މަނިކު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. އޭނާ އަވަހާރަވީ އުމުރުން 80 އަހަރުގައެވެ.

ދުނބުރި ހަސަން މަނިކަކީ އެލްސިއޯން ބޭކަރީގެ އޯނަރެވެ. އޭނާގެ މޭސްތިރިކަމުގައި ފެށި އެލްސިއޯންއަކީ ރާއްޖޭގައި ޕާނާއި އެ ނޫން ވެސް އެފަދަ ތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ފަށައި، އެ ވިޔަފާރި އެންމެ ގިނަ ދުވަހު ދެމެހެއްޓި ތަނެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަހުގެ މެދުތެރޭގައި ހުޅުވި އެލްސިއޯން ބޭކަރީގެ ތިން ފިހާރަ މާލޭގައި ހުރެއެވެ. އަދި ހުޅުމާލޭގައި ވެސް ފިހާރައެއް ހުރެއެވެ.

އޭނާއަކީ އެތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ މެޝިންތައް ގެންނަވައިގެން ބޭކަރީގެ ހިދުމަތް ފުޅާކުރެއްވި ބޭފުޅެކެވެ. އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އޭނާއަށް 1981 ވަނަ އަހަރު އިގުތިސޯދީ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ދެއްވައިފައެވެ.

އޭގެ އިތުރުން އޭނާ ވަނީ އިޖުތިމާއީ ގޮތުންވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މާފަންނުގައި ދެ ބުރިއަށް އިމާރާތްކޮށްފައިވާ މަޝްހޫރު ދުނބުރި މިސްކިތަކީ ވެސް އޭނާ ބިނާކުރެއްވި މިސްކިތެކެވެ.

ހަސަން މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އޮންނާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟