ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރާނީ މަހަކު 1050 ރުފިޔާގެ އަގަކަށް ކަމަށް ކަނޑައަޅައިފިއެވެ.
އެގޮތަށް ކަނޑައެޅީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 60 ވަނަ ރަސްމީ ޖަލްސާއިންނެވެ.
މި ޖަލްސާގައި ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދިނުމާ ގުޅޭގޮތުން ކުރިއަށްދިޔަ މަޝްވަރާގައި މާރުކޭޓާ ގުޅޭ ކޮމިޓީން ނިންމާފައިވާ ގޮތަށް ގޮޅިއަކަށް މަހަކު 1050 ރުފިޔާ ނަގަން ފާސްކުރަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ އަގަކީ ކުނި އުކާލުމަށް ދައްކަންޖެހޭ 50 ރިފިޔާއާއެކު ކަނޑައަޅާފައިވާ އަގު ކަމަށެވެ.
އެކަމާ ގުޅޭގޮތުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، މާރުކޭޓުގެ މަސައްކަތް ނިންމައި މިހާރު ކައުންސިލާ ހަވާލު ކޮށްފައިވާއިރު، ވިޔަފާރި ކުރަން ނުދީ ގިނަ ދުވަހު އެތަން ބަހައްޓައިފިނަމަ ގެއްލުންވެދާނެ ކަމަށެވެ. އަދި އެތަން އެގޮތަށް ބަހައްހައްޓައިފި ނަމަ ތަން ބެލެހެއްޓުމަށް ބޮޑު ހަރަދެއް ކުރަންޖެހޭނެތީ ވީހާ އަވަކަށް އެތަނުން ގޮޅި ދޫކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ ހަފުތާގައި ލިބޭ އޮފީސް ބަންދު ނޫން ދެ ދުވަހުގެ ތެރެއިން ދުވަހެއްގައި މާރުކޭޓް ގޮޅީތަކަށް ކުރިމަތިލުމަށް ގެޒެޓުގައި ހުޅުވާލައި، ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެތަނުން ގޮޅިތައް ލިބޭ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކާ ގޮޅިތައް ހަވާލުކޮށް ނިންމުމަށް، ވިލިމާލެ ކޮމިޓީގެ މުގައްރިރާއި ކައުންސިލުގެ ސެކެޓްރީ ޖެނެރަލްގެ ކިބައިން މޭޔަރު އެދިވަޑައިގެންނެވިއެވެ.
މާރުކޭޓުން ގޮޅި ދޫކުރުމުގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިސްކަންދިނުމަށް ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ހުށަހެޅުއްވުމާ ގުޅިގެން މޭޔަރު ވިދާޅުވީ، އެކަމާމެދު ކަމާބެހޭ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ކޮމިޓީއަށް ފެނިވަޑައިގަންނަވާ ނަމަ ގޮޅި ދޫކުރުމަށް ހުޅުވާލާ ފޯމުގައި އެކަން ފާހަގަކުރުން މުހިންމު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު