ރިޕޯޓް

މި ތިން ކުދީން ސްކޫލަށް ދާނެ ބޫޓެއް ޔުނިފޯމެއް ނެތް، މުސްކުޅި މާމަ ވަމުން އަންނަނީ މަތިވެރި ގުރުބާނީއެއް

މަރިޔަމް ޝަފާ އިބްރާހިމް

1

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އާއިލާތަކާއި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނާއި ބޭނުންޖެހިފައި ތިބޭ، އެހީއަށް ޖެހިފައިވާ ފަރާތްތައް އާއްމުންނާ ހަމައަށް ގެނެސްދިނުމުގައި އަމިއްލައަށް ކަންތައްތައް ތަޖުރިބާ ކޮށްފައި މެނުވީ އާއްމުންނާ ހަމަޔަށް އެއްވެސް މިފަދަ ވާހަކައެއް ނުގެނެސްދޭ، 'މަމްސް' އެންޖީއޯ އަކީ މިހާރު ދިވެހިން އެންމެ އިތުބާރު ކުރާ އެންމެ ޔަގީންކަން ބޮޑު އެއް ޖަމިއްޔާއެވެ. މި ސްކޫލު ބަންދުތެރޭގައި 'މަމްސް' އިން ކުރިއަށް ގެންދާ 'ބެކް ޓު ސުކޫލް 2022' އެހީގެ ދަށުން ސަތޭކަ އާއިލާއަކަށް އެހީވުމުގެ އަމާޒު ހިފާފައިވާ ކަމަށާއި މިފަދަ އާއިލާތަކުގެ ހަބަރު އޮޅުން ފިލުވުމަށް ހުދު 'މަމްސް' ޖަމިއްޔާގެ ފަރާތުން އަމަލީ ގޮތުން އެ އާއިލާތަކަށް ޒިޔާާރަތްކޮށް، އާއިލާތަކުގެ ހާލަތު އަމިއްލައަށް ވަޒަން ކޮށްފައި ނޫނީ އާއްމުންނާ ހަމައަށް

އެމައުލޫމާތުތައް ހިއްސާ ނުކުރާކަމަށް ކުރިންވެސް މައުލޫމާތު ދީފައިވެއެވެ.

'މަމްސް'ގެ ޕޭޖުގައި ގެނެސްދީފައިވާ އާއިލާތަކުގެ ވާހަކަތަކަކީ ހަގީގަތުގައިވެސް، ހިތަށް އަސަރުކުރުވާފަދަ ހިތްދަތި ވާހަކަތަކެކެވެ. އެހެންނަމަވެސް އެންމެ ފަހުން މި ފެނުނީ ލަނގޮޑި ފިިތިގެންދާ ވަރުގެ ވާހަކައެކެވެ. އުމުރުން ދުވަސްވެފައި އިން އަންހެނަކު، މާމަ ކުދިންކޮޅެއް ގޮވައިގެން އުޅެމުންދާ ހިތްދަތި ދިރިއުޅުމެއްގެ ވާހަކައެވެ.

'މަމްސް' ޕޭޖުގައި އާންމުކޮށްފައިވާ ގޮތުގައި، އެއީ ބާވެ ވީރާނާވާން ގާތްވެފައިވާ ގެއެކެވެ. އިހު ޒަމާނުގެ ހިރިގަލުން ހަދާފައިވާ އެ ގޭގެ ބޭރުގައި އެލުވައިފައިވާ އުނދޯލީގައި އިށިނދެގެން އިން ހަލީމާ ގާތުގައި ހަތަރު ވަރަކަށް އަހަރަށްދާ ފިރިހެން ކުއްޖަކު ނިދާފައި އޮތެވެ. ކުރިމަތީގައި ތަރުފާލު އަޅާފައި އޮތް ކޮޓަރީގައި 13 އަހަރާއި، 7 އަހަރުގެ ދެ އަންހެން ކުދިން ތަރުފާލުގަނޑު މަތީގައި ފިލާވަޅު ހަދަން ތިއްބެވެ.

"މިއީ ހުސް މާމަ ދަރިން. އަޅުގަނޑަށް ލިބުނީ އެންމެ ކުއްޖެއް. އެ ސޮރު ވެސް އޮތީ މަސްތުވާތަކެތި ބޭނުންކޮށްގެން ޖަލުގަ. ދަރިންގެ މަންމަވެސް އެ ބޭނުންކުރޭ. ދަރިންނަކަށް އަޅައެއްނުލާ. އަޅުގަނޑު މައިލަގޮނޑިއަށް ކެތްނުވެގެން މި ދަރިން ގެނެސްގެން މި ބަލަނީ." އުމުރުން 62 އަހަރުގެ ހަލީމާ (އަސްލު ނަމެއްނޫން) ހިތްދަތިކަމާއެކު ކިޔައިދިނެވެ.

މިއީ މަމްސް އެންޖީއޯގެ ކެއާ ލިސްޓްގެ ދަށުން ފާއިތުވި އަހަރުތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އާއިލާ އެކެވެ. މުސްކުޅި މާމައެއްގެ ބެލުމުގެ ދަށުން ބޮޑުވަމުން އަންނަ މި ތިން ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ހަލީމާ ވަމުން އަންނަނީ ނުހަނު ބޮޑު ގުރުބާނީއެކެވެ.

ކުދިންގެ ހަޔާތުން އުނިވި މަންމަ އާއި ބައްޕަގެ ލޯބި ދިނުމަށް ހަލީމާ ހުރީ ތައްޔާރަށެވެ. ނަމަވެސް އެ ދިރިއުޅުމުގައި އެތައް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ގޭގައި ކާނެ އެއްޗެއް ނެތިގެން ހައިބަނޑާ އެ އާއިލާ އެތައް ރެއަކު ނިދަން ޖެހެއެވެ. އުމުރުން ދުވަސްވުމާއި ބަލި ހާލަތު ހުރިގޮތުން ފައިސާ ހޯދޭނެ މާ ގިނަ ގޮތްތަކެއް ހަލީމާއަކަށް ނެތެވެ. ގިނަ ފަހަރަށް ޒަރޫރީ ބޭނުންތައް ފުއްދަނީ ހެޔޮ އެދޭ މީހަކު ދޭ އެހީއަކުންނެވެ.

ބަލި ފަޔަކާ އެކު ދިރިއުޅެމުން އަންނަ ހަލީމާއަށް ގޭތެރޭގެ މަސައްކަތްތަކުގައި އަތްގާތްކޮށްލަދޭން ތިބި ބަޔަކީވެސް ހަމަ މި ކުޑަކުޑަ ތިން ކުދިންނެވެ. ބޮޑު ބައްޔެއް ވިޔަސް ރަށުން ބޭރަށް ދާން ޖެހިއްޖެ ނަމަ އެ ކުދިންނަށް އަޅައިލާނެ އަދި ކުޑަމިނުން ކާ އެއްޗެއް ދިއްކޮށްލާނެ މީހަކުވެސް ނުހުރެއެވެ. ނަމަވެސް، ހަލީމާގެ އުއްމީދަކީ ކައިރީގައި ތިބި މި ތިން ކުދިންނަށް ރަނގަޅު ތައުލީމެއްދީ ހެޔޮލަފާ ކުދިންތަކެއްގެ ގޮތުގައި ބޮޑުވުމެވެ.

ދައުލަތަށް ކުދިންތައް ނެގުމަކީ ހަލީމާ ދުނިޔޭގައި އިނދެ ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. އެހެން ކަމުން ލިބުނު މިންވަރުން ކުދިންގެ ބޭނުންތައް ފުއްދައިދީގެން މުސްކުޅި ދުވަހު ހަލީމާ އެކުދިން ބަލައިބޮޑުކުރަނީ މި ސަބަބަށް ޓަކައެވެ.

"ކޮންމެ އަހަރަކު ވެސް ސްކޫލު ފެށެންވާއިރަށް އަޅުގަނޑުގެ މި މާމަ ދަރިންނަށް ސްކޫލަށް ބޭނުންވާ ތަކެތި ހޯދާނެ ގޮތެއް ނޭނގި މި ހުންނަނީ ގޮތް ހުސްވެފައި. ފޮތްތަކުގައި ލާ ނަންކޮޅު ވެސް ގިނަ އަހަރު ނުހޯދޭ. މުޅިންވެސް ބޭނުން ކުރަނީ އެހެން ކުދިން ލާ ބާވެފައި ހުންނަ ޔުނީފޯމު. ސްކޫލަށް ދެ ބޫޓު ހޯދަން ޖެހޭއިރު، މި ކުދިން މުޅިންވެސް އަރަނީ އެންމެ ބޫޓަކަށް. އަޅުގަނޑަކީ މުސްކުޅި ނިކަމެއްޗެއް. ކިރިޔާވެސް އުއްމީދެއް ކުރެވެނީ މި ދަރިންގެ ފަރާތުން." އަސަރާއެކު ލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލަމުން ހަލީމާ ބުނެލިއެވެ.

ދިރާސީ އާ އަހަރު ފެށެން ކައިރިވެފައި ވާއިރު ހަލީމާގެ މާމަ ކުދިން ލާނެ ޔުނިފޯމު އަދި ހޯދިފައެއް ނެތެވެ. ދޮށީ ދަރިފުޅަށް ބާރުވި ޔުނީފޯމު ދެން ހުރި ކުއްޖާއަށް ލެވުނު ނަމަވެސް، އެއީ ކުރިން އެހެން ކުއްޖަކު ވެސް ބޭނުން ކޮށް އަދި ބައު ވެފައި އޮތް ޔުނީފޯމެއް ކަމަށް ހަލީމާ ވަނީ ބުނެފަ އެވެ. ކޮންމެ ކުއްޖަކުވެސް ގެންގުޅެނީ އެންމެ ޔުނީފޯމެއް ކަމުން އަހަރު ނިމޭއިރު ޔުނީފޯމުތައް ހުންނަނީ ވަރަށް ބޮޑަށް ބައުވެ ހަލާކު ވެފައެވެ.

ސްކޫލްގައި އުޅޭއިރު އެކި ކަންކަމަށް ސްކޫލަށް ބޭނުންވާ ތަކެތި ހަމަކުރުންވެސް ހަލީމާއަށް ވަނީ ބޮޑު ގޮންޖެހުމަކަށެވެ. ބައެއް ދުވަސްތަކުގައި ތަކެތި ހަމަނުވެގެން 4 އަހަރުގެ ކުއްޖާ ގެއަށް އައިސް ރޯ ކަމަށްވެސް ހަލީމާ ބުންޏެވެ. ކޮންމެޔަކަސް މިޒަމާނުގައި ކުއްޖަކަށް ކިޔެވުމަށް ކުރަން ޖެހޭ ހަރަދަކީ ނުހަނު ބޮޑު އެއްޗެކެވެ. އެެހެންވިޔަސް މި މާމަ އެއިނީ އޭނާގެ މި ކުދިންކޮޅަށް އުނގަންނައިދިނުމަށް ކުރަން ޖެހޭ ކޮންމެކަމެއް ކުރުމަށް ތައްޔާރަށެވެ.

ދިރާސީ އަހަރުގެ ކިޔެވުމަށް ބޭނުންވާ ސުކޫލު ސާމާނު ހޯދުމަށް މިމާމަ ކުދިންކޮޅަށް ދީލަތިކަމާއެކު އެހީތެރިކަމެއް ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ އެކައުންޓަށް ފައިސާ ޖަމާ ކޮށްދެއްވުމަށްފަހު ސްލިޕް 'މަމްސް'ގެ ފޭސްބުކް ޕޭޖަށް ފޮނުއްވިދާނެއެވެ. މިފަދަ ދީލަތި އެހީއަކުން މުޅި ގައުމު ފަހުރުވެރިވާފަދަ ދަރިއަކު ބިނާ ކުރެވިދާނެއެވެ. ކޮންމެ ކުއްޖަކީވެސް އެދެވޭ، އެކަށީގެންވާ ތައުލީމު ބޭނުންވާ، ދިވެހި މުޖުތަމައަށް ބޭނުންތެރި ކުއްޖަކަށް ހަދަމާތޯއެވެ. މިއެކަނިވެރި، އުމުރުން ދުވަސްވެފައިވާ އަންހެންމީހާ، އެހާމެ ބަލިހާލާއެކުވެސް މާމަކުދިންކޮޅުގެ މުސްތަގުބަލަށްޓަކައި ވަމުންމިއަންނަ ގުރުބާނީގެ އަގުވަޒަންކޮށް، ދީލަތި އެހީތެރިކަމެއް ފޯރުކޮށްދެއްވާށެވެ!

  • އެހީތެރިކަން ފޯރުކޮށް ދިނުމަށް:
  • އެކައުންޓް ނަންބަރ: 7730000294482 MVR
  • އިތުރު މައުލޫމާތު ހޯއްދެވުމަށް:
  • 7688122 / 7849393