ޚަބަރު

ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ބަންގްލަދޭޝްގެ ކޯޓަކުން އަމުރުކޮށްފި

މުހައްމަދު އިޝާން

ބަނގުލާދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރުމަށް ބަންގުލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. އެކޮޓަރީގައި ހުރި ފަންކާއެއްގައި ޝޯލެއް ބޭނުންކޮށްގެން ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލަ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުންވެސް ތަހުގީގު ކުރިއެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝްގެ ސަރުކާރުން އެންމެ ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އޭނާގެ ބައްޕަ މުހައްމަދު އާތިފު އެދުނެވެ. އަދި އެ މަރުގެ މައްސަލަ އަލުން ތަހުގީގުކޮށްދިނުމަށް އެދި 2019 ވަނަ އަހަރު ވަނީ އޭނާ އެމައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ބެލުމަށްފަހު އިއްޔެ ކޯޓުން އަމުރުކުރީ ރައުދާގެ ބައްޕަ އެދުނު ގޮތަށް ރައުދާގެ މަރުގެ މައްސަލަ ފުލުހުން އަލުން ތަހުގީގުކުރުމަށެވެ.

ރައުދާގެ ބައްޕަގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ވަކީލު އަސްލަމް ސަރްކާރް "ދަ ބިޒްނަސް ސްޓޭންޑާޑް" އަށް ވިދާޅުވީ ރައުދާ ދަން ޖެހުނީ ފަންކާގައި ޝޯލެއް އަޅުވައިގެން ކަމަށްވާނަމަ ފަންކާއަށް ވެސް ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި ރައުދާ ދަން ޖެހިފައި ހުއްޓައި ފެނުމުން އެ ކޮޓަރިއަށް މީހުން ވަނީ ދޮރު ހަލާކުކޮށްލައިގެން ކަމަށާއި ނަމަވެސް ދޮރު ހަލާކުކޮށްލައިގެން ވަން ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

"ދޮރު ހަލާކުކޮށްލައިގެން ވަދެ ރައުދާގެ ހަށިގަނޑު ފަންކާއިން ނައްޓާލިނަމަ ދޮރު ހަލާކުވީސް. ޝަޓަރު ފަޅައިގެން ނުވަތަ ބުރިކޮށްލާނެ. މަދުވެގެން 40 ކިލޯގެ މީހަކު ފަންކާގައި ތަޅުވާނަމަ ފަންކާގައި ވެސް ނިޝާނެއް،" އަސްލަމް ސަރްކާރް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލުން ރައުދާގެ މަރުގެ މައްސަލަ ބެލުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރީ އެ ހުރިހާ ކަންކަމަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

"މި ހުރިހާ ކަމެއް ޓެސްޓުން ހޯދިދާނެ. މިއިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ. އެހެންވީމަ އެ އަންހެން ކުއްޖާ އަމިއްލައަށް މަރުވީ ކިހިނެއް ހެއްޔެވެ؟ މިއީ ކޯޓަށް އޮޅުން ފިލުވައިދީފައިވާ ކަންކަން. އެހެންކަމުން ކޯޓުން ވަނީ އެ މައްސަލަ އަލުން ތަހުގީގު ކުރުމަށް އަމުރުކޮށްފަ،" އަސްލަމް ސަރްކާރް ވިދާޅުވިއެވެ.

އަސްލަމް ސަރްކާރް ވިދާޅުވީ، ރާޖްޝާހީގެ ޕޮލިސް ކޮމިޝަނަރަށް ވަރަށް އަވަހަށް ކޯޓް އަމުރުގެ ކޮޕީއެއް ފޮނުވާނެ ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގުކުރިއެވެ. އެ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރައުދާ މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. އަދި އޭނާ ދަންޖެހުނީ ލޯބިވެރިޔާއާ މައްސަލަ ޖެހި އޭނާ ދޫކޮށް ދިޔުމުން ކަމަށެވެ.

ނަމަވެސް ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައުދާގެ ކަރުގައި ހިފައި މަރާލާފައިވާކަމުގެ ފޮރެންސިކް ހެކި މަރުކޮމިޝަނަށް ހުށަހަޅަފައިވާނެ ކަމަށާއި ވީމާ އެ ރިޕޯޓް އާއިލާއިން ގަބޫލު ނުކުރާ ކަމަށެވެ.