ހުޅުމާލެ ފޭސް ދޭއްގައި އިމާރަތްކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ހަތަރު ޓަވަރެއްގައި 700 އަށްވުރެ ގިނަ ސެކިއުރެޓީ ކެމެރާ ހަރުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހިޔާ ޓަވަރު 13، 14، 15 އަދި 16 ގައި 768 ސެކިއުރެޓީ ކެމެރާ ހަރުކޮށްފައިވާ ކަމަށާއި އެ ކެމެރާތައް މިހާރު އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށެވެ.

ބާކީ ހުރި ޓަވަރުތަކުގައި ވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އެންމެ ފުރަތަމަ ހިޔާ ޓަވަރުތަކުގައި ކެމެރާ ހަރުކުރަން ފެށީ މިދިޔަ މެއި މަހުގެ ނުވަނަ ދުވަހުއެވެ. އެފަހަރު ކެމެރާ ހަރުކުރަން ފަށާފައިވަނީ ހިޔާ ޓަވަރު 13 އަދި 14 ގައެވެ.

ސެކިއުރިޓީ ކެމެރާ ހަރުކުރަން ފެށުމަށްފަހު އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖަރު އަލީ ވަޖީހު އޭރު ވިދާޅުވެފައިވަނީ، ކެމެރާތަކުން ހިޔާ ފްލެޓުގެ ބޭސްމެންޓާއި ކޮރިޑޯ ކަވާކުރާއިރު ލިފްޓާއި ޓެރެސް ވެސް ކަވާކުރާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޓަވަރުތަކުގައި ހިނގާ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ޓަވަރުތަކުގައި ދިމާވާ އެކި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް. ކުނީގެ މައްސަލަތަކާއި ކްރިމިނަލް އެކްޓިވިޓީސްތައް ވެސް މީގެ ސަބަބުން މަދުވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ވަޖީހު ވިދާޅުވެފައިވެއެވެ.

އެޗްޑީސީން 25 ބުރީގެ 16 ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މަޝްރޫއުގެ ދަށުން 3،000އާ ގާތްކުރާ އަދަދަކަށް ކެމެރާ ހަރުކުރާ އިރު، ކޮންމެ ބުރިއެއްގައި ހަތް ކެމެރާ ހަރުކުރާނެއެވެ.

ހިޔާ ފުލެޓް ސަރަހައްދުގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ އިރު، އެތަނުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާކަމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރެއެވެ.