ސްރީލަންކާގެ ރައީސްގެ މަގާމަށް އެ ގައުމުގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ އިންތިހާބުކުރުމުން، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.
ރަނިލްއަށް މަރުހަބާ ދަންނަވައި ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ އުއްމީދަކީ ލަންކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުދަގޫތައް ހައްލުވެގެން ދިޔުން ކަމަށާއި ރާއްޖެ އަބަދުވެސް އޮންނާނީ ލަންކާ ރައްޔިތުންނާއެކުގައި ކަމަށެވެ.
"ރަނިލް ވިކްރަމަސިންހަ މަރުހަބާ ދަންނަވަން ސްރީ ލަންކާގެ އާ ރައިސާކަމަށް ވެވެޑައިގަތުމަށް މަޖިލީހުގެ އިތުބާރު ހޯއްދެވިކަމަށްޓަކައި. ސްރީ ލަންކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް މިހާރު ހައްލުކުރަން ފެށޭނެ ކަމަށް އުންމީދު ކުރަން. ރާއްޖެ އަބަދުވެސް އޮންނާނީ ސްރީ ލަންކާގެ ރާއްޖޭގެ ރައްޔިތުންނާއެކު،" ނަޝީދު ވިދާޅުވިއެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެނދުނު ނެގި ވޯޓުގައި ރަނިލް ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ، ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން، އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ގޮތަބަޔާ ވަނީ ރަނިލް ލަންކާގެ ވަގުތީ ރައީސް ކަމަށް ހަމަޖައްސަވައިފައެވެ.
ލަންކާގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި ރަނިލްއާއެކު ދެ ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ލަންކާގައި ސަރުކާރު ހިންގާ ޕާޓީ، ސްރީ ލަންކާ ޕޮޑުޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ މަޖިލީހުގެ މެމްބަރު އަދި ކުރީގެ މިނިސްޓަރު ދުއްލާސް އަލަހަށްޕެރުމާ އާއި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކައެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެންބަރުން ތިއްބަވާ އިރު، މިއަދު ނެގި ވޯޓު، ރަނިލް ކާމިޔާބުކުރެއްވީ ބޮޑުތަފާތަކުންނެވެ. އެގޮތުން ރަނިލްއަށް 134 ވޯޓު ލިބިވަޑައިގެންނެވިއެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ރޭހުން ނުކުންނަވައި ތާއީދުކުރެއްވި ދުއްލާސްއަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. އަދި އަނޫރާއަށް ލިބިވަޑައިގަތީ އެންމެ ތިން ވޯޓެވެ.
ލަންކާގެ ރައީސް ކަމުގައި ރަނިލް 2024ގެ ފަހުކޮޅާ ޖެހެންދެކަށް ހުންނަވާނެއެވެ. އެއީ ކުރީގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާގެ އިންތިހާބީ ދައުރު ނިމޭ ހިސާބެވެ.
ރައީސްކަމުން ގޮޓަބަޔާ އިސްތިއުފާދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. ގޮޓަބަޔަ ސިންގަޕޫރަށް ވަޑައިގަތީ މިލިޓަރީ އެއާކުރާފެއްޓައި ރާއްޖެ ވަޑައިގެން ސައުދީ އެއީލައިނުގައެވެ.