މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖޭން ދިޔަ ހައްޖާޖީން ރާއްޖެ އަންނަން ފަށައިފިއެވެ.

ރާއްޖެއިން މިއަހަރު ޖުމުލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. އެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ތިން ފްލައިޓެއްގައެވެ. އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އައިސްފައިވާ އިރު، މިއަދުގެ ފްލައިޓުން 157 ހައްޖުވެރިން އައިސްފައިވެއެވެ.

އިސްލާމިކް މިިނިސްޓްރީން ބުނި ގޮތުގައި، މައްކާގައި މިހާރު ތިބި ދިވެހި ހައްޖުވެރިންގެ ތެރެއިން ހޮނިހިރު ދުވަހުގެ ފްލައިޓުން 175 ހައްޖުވެރިން އަދި އަންނަ ހަފްތާގެ ބުދަ ދުވަހުގެ ފުލައިޓުން 117 ހައްޖުވެރިން ރާއްޖެ އަންނާނެއެވެ.

އެ ހައްޖުވެރިންނަށް ހިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު، އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިފަހަރު ހާއްޖާޖީން ބަލައި އެއާޕޯޓަށްދާ މީހުންނަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ވެހިކަލްތައް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާ ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މައްކާގައި ތިބި ހުރިހާ ދިވެހިން މިހާރު ވަނީ ހައްޖުގެ އަޅުކަން ނިންމައިފަ އެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ހައްޖުމިޝަނާ ހަވާލާދީ އެ މިނިސްޓްރީން ބުންޏެވެ.