ހައްޖުވެރިން މާދަމާއިން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ކަމަށެވެ. އެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައި ކަމަށާއި އެއީ މާދަމާ އޮންނަ ފްލައިޓާއި އަންނަ ހޮނިހިރު ދުވަސް އަދި އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނަ ފުލައިޓުން ކަމަށެވެ.

މާދަމާގެ ފްލައިޓުން 157 ހައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުގެ ފްލައިޓުން އަންނާނީ 175 ހައްޖުވެރިން އަދި އަންނަ ހަފުތާގެ ބުދަ ދުވަހުގެ ފުލައިޓުން އަންނާނީ 117 ހައްޖުވެރިންނެވެ.

އެ ހައްޖުވެރިންނަށް ހިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު، އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިފަހަރު ހާއްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުންނަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ވެހިކަލްތައް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާ ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މައްކާގައި ތިބި ހުރިހާ ދިވެހިން މިހާރު ވަނީ ހައްޖުގެ އަޅުކަން ނިންމައިފަ އެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ހައްޖުމިޝަނާ ހަވާލާދީ އެ މިނިސްޓްރީން ބުންޏެވެ.