ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެތުލީޓުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް އެގޮތަށް އެދިވަޑައިގަތީ ކޮމަންވެލްތު ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތުލީޓުންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަހަރުގެ ކޮމަންވެލްތު ގޭމްސް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި އޮންނަ އިރު، ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ 46 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހުން 18 ވަނަ ދުވަހަށް ތުރުކީގައެވެ. އެ ގޭމްސްގައި ރާއްޖޭގެ 62 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ގޭމްސްއަށް ދާ އެތުލީޓުންނާ ރައީސް މިއަދު ބައްދަލުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގައުމު ތަމްސީލުކުރަން ފުރުސަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއް ކަމަށާއި އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޭގެ އިތުރުންވެސް ރައީސް ވިދާޅުވީ ރާއްޖޭގެ އެތުލީޓުން ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލުކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ގޭމްސްއަށް ދާ ކޮންޓިޖެންޓުގެ ފަރާތުން ވަނީ ރައީސަށް "ފޯ ދި އޯޝަންސް"ގެ ނަން ދެވިފައިވާ ޖާޒީ ކިޓެއް އަރުވައިފައެވެ. އެ ކިޓަކީ ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ ފަރުވާއެކެވެ. އެ ފަރުމާއިން ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި، ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު