ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ ބިރުވެރިކަން އުފެއްދި މައްސަލައިގައި ޝައިހް ނިޝާން އާއި ޝައިހް ފަޒްލޫން ހައްޔަރުކުރުމަށްފަހު ފުރަތަމަ ބަންދު ކުރީ ހަތް ދުވަހަށެވެ.

އޭގެ ފަހުން އެކިފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ދެ ޝައިހުންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފައެވެ.

ޝައިހް ނިޝާން އާއި ޝައިހް ފަޒްލޫންގެ ބަންދުގެ މުއްދަތު އިތުރުކުރި އިރު، އެ ދެ ޝައިހުންގެ ފަރާތުން ވަނީ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު ހަތް މީހަކު ވަނީ ދޫކޮށްލައިފަ އެވެ.