ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ދެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގެ ދައުރު ހަމަވާތީ އެ ދެ މަގާމަށް ކުރިމަތިލާން އިއުލާންކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމުގައި މިހާރު ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ޗެއާޕާސަންގެ ނައިބު (މާލީ)ގެ ކަމުގައި ހުންނަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ. އެ ދެބޭފުޅުންގެ މަގާމުވެސް އަންނަ އޮކްޓޯބަރު މަހުގެ 25 އަށް ހަމަވާނެއެވެ.
އެމްޑީޕީން ކުރި އިއުލާނުގައި ބުނީ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 12 އަށް އޮންނާނެ ކަމަށެވެ. އެ ދެ މަގާމަށް މީހުން ހޮވާނީ އަންނަ މަހުގެ 19ގައި އޮންނަ އެމްޑީޕީގެ ކޮންގްރެސްގައެވެ.
ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ އިދާރީ ގޮތުން ޗެއާޕާސަންއަށް އެހީތެރިވުމަށް ހުންނަ މީހެކެވެ. ޗެއާޕާސަން ނެތް ހާލަތެއްގައި އެ މަގާމު ވަގުތީ ގޮތުން ފުރުއްވާނެ މީހަކީ ޗެއާޕާސަން ނައިބު އިދާރީއެވެ.
ޗެއާޕާސަން ނައިބު މާލީއަކީ އެމްޑީޕީގެ ހަތަރު ވަނައަށް އެންމެ އިސް މަގާމެވެ. އޭނާއަކީ ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާއި ޗަންދާގެ ކަންތައްތައް ޗެއާޕާސަންގެ ބެލެމުގެ ދަށުން އިންތިޒާމުކުރާ ފަރާތެެވެ.
ޚަބަރު
ޚަބަރު
ޚަބަރު