ޚަބަރު

އިންސާފު ހޯދަން ރައްޔިތުން މަގުތަކަށް ނުކުތުމުން ސަރުކާރު ފެއިލްވެފައިވާ މިންވަރު ސާފުވޭ: އާދަމް ޝަރީފު

މުހައްމަދު އިޝާން

އިންސާފު ހޯދަން ރައްޔިތުން މަގުތަކަށް ނުކުތުމުން ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީ މީހަކު ކ. ދިއްފުށީގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް އެރަށު ބަޔަކު ނުކުމެ އޭނާއަށް ވަރަށް ބޮޑަށް އަނިޔާކުރިއެވެ. އަނިޔާ ލިބުނު ފަރާތުން ބުނެފައި ވަނީ، އޭނާއަށް އަނިޔާކުރަމުންދިޔަ އިރު، އެތަނުގައި ފުލުހުންވެސް ތިބި ކަމަށާއި އެކަން ހުއްޓުވަން އެ މީހުން މަސައްކަތް ނުކުރި ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގަން މަސައްކަތްކުރާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 6:30 ހާއިރު ލިބުނު މައުލޫމާތާ ގުޅިގެން އެރަށަށް ފުލުހުން ގޮސް, އެއްވެ ތިބި މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި ލިބިފައިވެއެވެ..," ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނަށް ރައްދު ދެއްވައި އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން އަނެއްކާވެސް ޑިފެންސަށް ކުޅެން ފަށައިފި ކަމަށާއި އިންސާފު ހޯދަން ރައްޔިތުން މަގުތަކަށް ނުކުތުމުން ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމަށެވެ.

އަދި އިންސާފު ގާއިމުކޮށް އިޖުތިމާއީ އަދާލަތު ދެމެހެއްޓޭނީ ސަރުކާރަށް އިތުބާރު ހޯދުނު ދުވަހަކުން ކަމަށާއި މިހާރު މިއޮތީ ގާނޫނީ ވެރިކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ދިއްފުށީގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލްކުރީ މާލެއިން ދިޔަ ސްޕެޝަލް އޮޕަރޭޝަންސް ޓީމަކުންނެވެ. އަދި އަނިޔާ ލިބުނު މީހާއަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.