ޚަބަރު

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތެއް ނެތް: އެމްޖޭއޭ

މުހައްމަދު އިޝާން

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.

އެމްޖޭއޭއިން މިގޮތަށް ބުނެފައިމިވަނީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ހެއްކާ ބެހޭ ބިލު ފާސްކުރިއިރު އެ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

މަޖިލީހުން އެ މާއްދާ އިސްލާހުނުކޮށް ފާސްކޮށްފައިވަނީ އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ނޫސްވެރިން އިހުތިޖާޖުކޮށްފައި ވަނިކޮށެވެ. މަޖިލީހުން އެ ބިލް ފާސްކުރުމުން ނޫސްވެރިން ވަނީ އެ ބިލު ތަސްދީގު ނުކުރުމަށް ގޮވާލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ.

ޕެޓިޝަން ހުށަހަޅާފައިވަނިކޮށް އެކަމަށް ރިއާޔަތްނުކޮށް އެ ބިލު ރައީސް ސޯލިހު ތަސްދީގުކުރެއްވުމުން އެމްޖޭއޭއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ބުނީ ޕެޓިޝަންގައިވާ ކަންބޮޑުވުންތަކަށްފަރުވާލެއް ބަހައްޓާފައި ނުވާ ކަމަށާއި އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރައްވާފައިވެސް ނުވާ ކަމަށެވެ.

"މި ޖަމްއިއްޔާއިން ދެކެނީ މިއީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގަ އެވެ،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަކީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ.

ނޫސްވެރިންގެ ހައްގުގައި މަސްދަރު ހާމަކުރެވޭ ގޮތައް އޮތް މާއްދާ އިސްލާހުކުރުމަށް ހުއްޓާނުލައި މަސައްކަތްކުރާނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.