ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކު މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ، ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަ މީހަކު ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ބަންދުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބަންދުން ދޫކޮށްލި މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ޖުމުލަ ހަތް މީހަކު ބަންދުން ދޫކޮށްލުމާއެކު މިހާރު ބަންދުގައި ތިބީ 14 މީހެކެވެ. ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ ކައުންސިލުގެ ދެ މެންބަރަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މުހައްމަދު އިސްމާއީލާއި އިބްރާހިމް ރައްޒާން (ޓަކީ) އެވެ. ރައްޒާން ބަންދުން ދޫކޮށްލާފައިވާ އިރު، މުހައްމަދު އިސްމާއީލް އަދިވެސް ހުރީ ބަންދުގައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.

ދެ އިލްމުވެރިން ބަންދުކުރި މައްސަލަ އިސްތިއުނާފުކުރަން އިއްޔެ ހައި ކޯޓަށް ވަނީ ހުށަހަޅައިފައެވެ.