ވަޒީފާއިން މުސްކުޅިކޮށް އެކަހެރިކުރާ އުމުރު ބޮޑުކޮށް، ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބިލް ހުށަހެޅުއްވީ ވަޒީފާއިން މުސްކުޅިކޮށް ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާތީ އެކަން ހުއްޓުވައި ގައުމުގެ އިގުތިސޯދު ރަނގަަޅަށް ހިންގާލުމުގެ ބޭނުމުގައި ކަމަށެވެ.

"ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ ވަރަށް މަތި. ރާއްޖޭގައި 55 އަހަރުގެ މީހުންނަކީ އަދި ވަރަށް ޅަފަތުގެ މީހުން. އެ އުމުރުގައި ވަޒީފާއަށް ހަމަ ގަދައަށް އެބަދެވޭ. އެހެން ގޮސް ގޮސް ހުއްޓާ އުމުރު ހަމަވެއްޖޭ ކިޔާފަ ވަޒީފާއިން އޮޓަމެޓިކް ޓާމިނޭޝަން އޮންނަ އޮތުން އިސްލާހުކުރަން މި އިސްލާހު މި ހުށަހެޅީ" ޖާބިރު ވިދާޅުވިއެވެ.

މިހާރު ސިވިލް ސާވިސްގެ ގާނޫނު އޮންނަ ގޮތުން އުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވެއެވެ. އަދި 65 އަހަރުވުމުން މުސްކުޅިކޮށް، ވަޒީފާއިން ވަކިކުރާނެއެވެ.

ޖާބިރު ހުށަހެޅި އިސްލާހުގައި ވަނީ، ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވާ އުމުރު 55 އަހަރުން އިން 60 އަހަރަށް ބޮޑުކޮށް މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ އުމުރު 65 އަހަރުން 70 އަހަރަށް ބޮޑު ކުރުމަށެވެ. އަދި 60 އަހަރުވުމުން، ވަޒީފާއިން ރިޓަޔާކުރަން ހިތްވަރު ދެވިދާނެ ކަމަށް ބުނެފައިވެއެވެ.

"ޕްރައިވެޓް ސެކްޓަރުގައި އެބަ މަސައްކަތް ކުރޭ 70 އަހަރު 80 އަހަރު ވަންދެންވެސް. ކީއްވެތޯ ސަރުކާރުގައި އެހާ ދުވަސްވާއިރު މަސައްކަތް ނުކުރެވެންވީ؟" ޖާބިރު ވިދާޅުވިއެވެ.